21 Aug 2016, 14:23
ތިން ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގުރޭޑްކޮށް، އަދި ތިން ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކުރުމަށް ހަ ފަރާތަކާ ހަވާލުކޮށްފި އެވެ.
މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ނ. ކެނދިކުޅުދޫ އާއި ރ. އަލިފުށި އަދި ބ. ފުޅަދޫގައި ގާއިމްކޮށްފައި ހުންނަ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގުރޭޑް ކުރުމަށް ވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
އެ ތިން މަސައްކަތަކީ ވެސް ޕަބްލިކް ސެކްޓަރު އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހަވާލުކުރި ތިން ޕްރޮޖެކްޓެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
އެގޮތުން، 736,170.00 ރުފިޔާ ހަރަދުކޮށްގެން ނ. ކެނދިކުޅުދޫގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގުރޭޑް ކުރަން ހަވާލުކުރީ ނިއު ހިޔާ އިންވަސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
ރ. އަލިފުށީގައި ހުންނަ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގުރޭޑް ކުރުމަށް ހަވާލުކުރީ ބްރޯހުޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 982,663.01 ދިވެހި ރުފިޔާ އަށެވެ.
ބ. ފުޅަދޫގައި ހުންނަ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ 648،201.29 ދިވެހި ރުފިޔާ އަށް ތަޝީޝާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި މިހާރު ވެސް 11 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އަޕްގުރޭޑް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 5.9 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރ. ފައިނު އާއި ބ. ގޮއިދޫ އަދި ގދ. ގައްދޫގައި އަލަށް ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމް ކުރުމަށް ވެސް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ އެވެ.
އެގޮތުން، ރ. ފައިނުގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް 829,522.36 ރުފިޔާ އަށް ތަޝީޝާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އިރު، ބ. ގޮއިދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް 872،862.31 ރުފިޔާ އަށް ހަވާލުކުރީ ބްރަދާސް މޯލް އިންވެސްޓްމަންޓާ އެވެ.
މިނިސްޓްރީން ބުނީ، ގދ. ގައްދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކުރަނީ އައްޑޫ ސިޓީގައި ގާއިމްކުރަން ނިންމާފައިވާ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަޖީ ސިސްޓަމް" އެއް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކަމަށެވެ.
"ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" މަޝްރޫއަކީ އަބޫދަބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ލޯން އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން އައްޑޫ ސިޓީ އާއި ފުވައްމުލައް، ހުވަދު އަތޮޅު ދެކުނުބުރި އަދި އެއަތޮޅު އުތުރުބުރި ހިމެނޭ ގޮތަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ، ގައްދޫގައި ގާއިމްކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ ކޮންޓްރެކްޓުގެ އަގަކީ1،094،765.54 ރުފިޔާ ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތަޝީޝާ ޕްރައިވެޓް ލިމިޓެޑާ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ނުވަ ރަށެއްގައި މުޅިން އަލަށް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރަން ކޮންޓެރެކްޓަރާ ހަވާލުކުރެވިފައިވާ ކަމަށާއި މަސައްކަތް ހަވާލުނުކުރެވި އޮތީ އެންމެ ރަށެއްގެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ރަށުގެ މަސައްކަތް ވެސް ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ދެ ރަށެއްގައި ފިޔަވައި ބަޖެޓުގައި ޖަހާފައި ހުރި ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓްތައް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަވާލުނުކުރެވި އޮތް ދެ ރަށުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.