މުދައްސަރު އަޒީޒް ޑައިރެކްޓުކޮށްފައިވާ "ހެޕީ ބާގް ޖާއެގީ" ޕާކިސްތާނުގައި އެޅުވުން މަނާކޮށްފިއެވެ.

ޑަޔާނާ ޕެންޓީ، އަބޭ ޑިއޯލް އަދި އަލީ އަފްޒަލް ހަރަކާތްތެރިވާ އެ ފިލްމު ޕާކިސްތާނުގައި ދެއްކުން މަނާކުރީ އެ ފިލްމުގައި ޕާކިސްތާނުގެ ލީޑަރު މުހައްމަދު އަލީ ޖިނާހްގެ ޕޯޓްރެއިޓެއެއް ދައްކާތީ ކަމަށް ހަބަރުތައް ބުނެއެވެ.

"ހޭޕީ ބާގް ޖާއެގީ" އަކީ އަމިއްލަ ކައިވެނިން ފިލާ އަންހެން ކުއްޖެއް (ޑަޔާނާ)ގެ ހަޔާތުގައި ދިމާވާ ކަންކަން ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގައި ކައިވެނިން ފިލްމަށް ފަހު ޑަޔާނާ އަށް އޮޅިގެން ދެވެނީ ޕާކިސްތާނަށެވެ.

ޕާކިސްތާނުގައި ފިލްމު އެޅުވުން މަނާ ކުރި އިރު އެ ފިލްމުގައި ހިމެނެނީ ވެސް އިންޑިއާ އަދި ޕާކިސްތާނާ ގުޅުން ހުރި ކަންކަމެވެ.

ޕާކިސްތާނުގައި ފިލްމު ދެއްކުން މަނާކުރި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ބުނީ، ފިލްމު ބެލުމަށް ފަހު ޕާކިސްތާނުގެ ސެންސަރު ބޯޑަށް ފިލްމު ވަރަށް ބޮޑަށް ކަމުދިޔަ ކަމަށާއި އަދި ފިލްމު ކުޑަ ތަންކޮޅެއް ކަނޑާލުމަށް ފަހު ފިލްމު އެޅުވޭނެ ކަމުގެ ޔަގީންކަން ބޯޑުން ދިން ކަމަށެވެ.

ނަމަވެސް ޕާކިސްތާނުގެ މިނިސްޓްރީ އަކުން ފިލްމު އަޅުވަން އިންކާރު ކޮށްފައިވާތީ އެ ގައުމުގައި ފިލްމު އެޅުވެން ނެތް ކަމަށް މިހާރު އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.