"ކުރިމަގު" ކެމްޕޭނުގެ ދަށުން ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ފުވައްމުލަކު ހާފިޒު އަހްމަދު ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު އެވެ.

އެ ޕްރޮގްރާމަކީ އަތޮޅާއި ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

"ކުރިމަގު" ކެމްޕޭނުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

"ކުރިމަގު" ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ އެ ޕްރޮގްރާމުގައި ރެސްޕޮންސިވް ބަޖެޓިން އާއި ރަށު ފެންވަރުގައި ހިންގަން ގަސްތުކުރާ އެކި މަޝްރޫއުތަކުގެ ޕްރޮޖެކްޓު ޕްރޮޕޯސަލް އެކުލަވާލުން ފަދަ ދާއިރާތަކުން މައުލޫމާތު ދެއްވާނެ ކަމަށެވެ.

އެ ޕްރޮގްރާމުގައި ފުވައްމުލަކުގެ ރަށު ކައުންސިލްތަކުގެ މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވާނެ އެވެ.

"ކުރިމަގު" ކެމްޕެއިން އަކީ ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރި ކުރުމާއި، އިޖްތިމާއީ، އިގްތިޞާދީ އަދި ސިޔާސީ ރޮނގުން އަންހެނުންުގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެކެވެ. އެ ކެމްޕޭން އިފްތިތާހް ކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގައެވެ.