މަސްތުވާތަކެތީގެ މައްސަލަ ފިލިޕީންސުން ނައްތާލުމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ފައްޓަވާފައިވާ ހަނގުރާމައަށް އދން ފާޑު ކިޔާފައި ވާތީ، އެ ޖަމާއަތުން ފިލިޕީންސް ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު ރައީސް ޑުޓާޓޭ ދެއްވައިފިއެވެ.

ހަރުކަށި ގޮތްތަކެއް ގެންގުޅުއްވާ ފިލިޕީންސްގެ ރައީސް ޑުޓާޓޭ ގެންދަވަނީ، މަސްތުވާތަކެތީގެ މައްސަލަ ގައުމުން ނައްތާލުމަށް އޮތް ހައްލަކީ އެ ވިޔަފާރީގައި އުޅޭ މީހުން މަރާލުން ކަމަށް ވިދާޅުވަމުންނެވެ. އަދި އެކަން ފިލިޕީންސްގައި ކުރަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.

އެގޮތުން، ރައީސް ޑުޓާޓޭ މެއި މަހު ރައީސްކަމާ ހަވާލުވެވަޑައިގެން ފަހުން، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ 900 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.

މި ކަމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، އދ.ން ފިލިޕީންސަށް ފާޑުކިޔުން އަމާޒު ކޮށްފައި ވެއެވެ. އެ ކަމަކީ "ހަމަނުޖެހުމާއި މީހުން މެރުމަށް މަގުފަހިކުރާ"، ބައިނަލްއަގުވާމީ ގާނޫނުތަކާ ގަވައިދުތަކުގެ ދަށުން ވާ ބޮޑު ޖަރީމާއެއް ކަމަށް އދ.ން ބުންޏެވެ.

ރައީސް ޑުޓާޓޭ އދ.އަށް ރައްދު ދެއްވަމުން ވިދާޅުވީ، އދ.ގައި ހިމެނޭ މާހިރުންނަކީ މޮޔައިން ކަމަށާއި، ޓެރަރިޒަމާއި ބަނޑުހައިހޫނުކަމާއި ދެފަރާތުގައި ޖެހޭ މައްސަލަތައް ފަދަ ކަންކަން ހައްލު ކުރުމުގައި އދ. ވަނީ ފެއިލްވެފައި ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އދ. އަށް ބަދުބަހެއް ރައްދު ކުރާކަށް. އެކަމަކު ތިޔަ ޖަމިއްޔާއިން އަޅުގަނޑުމެންނާ އެހާ ނުރުހުންތެރިކަމާ އެކު ވާހަކަ ދައްކާ ނަމަ އަޅުގަނޑުމެން ތިޔަ ޖަމިއްޔާއިން ވަކިވާނަން. ތިޔަ ބޭފުޅުން މި ގައުމަށް އެންމެ ފަހުން ވަޑައިގަތީ ކޮން އިރަކުތޯ؟ ފާޑު ކިޔުމަށް ނޫނީ ދުވަހަކުވެސް ނާދޭ،" ރައީސް ޑުޓާޓޭ ވިދާޅުވިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންއާއި އެޖަމިއްޔާގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްއިން ވަނީ، ރައީސް ޑުޓާޓޭގެ އަމަލުތައް ކުށްވެރި ކުރައްވައިފައެވެ. އެގޮތުން، ޝަރުއީ މަރުހަލާއެއް ފުރިހަމަނުކޮށް ދައުލަތުގެ ފަރާތުން ބައެއްގެ ފުރާނަ ނަގާލަމުން ދިއުމަކީ ގާނޫނާ ޚިލާފު، އަދި އިންސާނަކަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކަކަށް އަރައިގަތުން ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ރައީސް ޑުޓާޓޭ މެއި މަހު ފިލިޕީންސްގެ ވެރިކަމަށް އިންތިޚާބުވެ، ޖޫން މަހު މަގާމުގެ ހުވާ ކުރެއްވި އިރު، އޭނާ ވަނީ ޑްރަގު ވިޔަފާރީގައި ޝާމިލުވެ އުޅޭ، އޭނާގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ނަންތައް ހިމެނޭ އެވެ.