ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެމެޓީ އެންޓަޕްރައިސަސްއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

ސިވިލް ކޯޓުގައި މުސްތަފާ ދައުވާ އުފުލީ މ. ލީނިޔާގައި އޭނާގެ އަމިއްލަ ހަރަދުގައި ކޮށްފައިވާ އިމާރާތުން އެމެޓީ އެންޓަޕްރައިސަސް އަށް ކުއްޔަށް ދީފައިވާ ބައިތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ކުލީގެ ތެރެއިން 2,023,000 ރުފިޔާ ލިބިފައިނުވާ ކަމަށް ބުނެ އެވެ.

އެ އިމާރާތް ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2003 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ވަރަކަށް ކުލީގެ ފައިސާ ލިބިފައިނުވާ ކަމަށް މުސްތަފާ ކުރެއްވި ދައުވާގައިވެ އެވެ.

މުސްތަފާ އަށް ކުލި ދައްކާފައިވާކަން ދެއްކުމަށް އެމެޓީ އިން 2003 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ހިޔާލީ ސްޓޭޓްމަންޓެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ. އަދި އެސްޓޭޓްމަންޓްގައިވާ އެއްވެސް ޗެކަކީ މުސްތަފާއަށް ފައިސާ ލިބިފައިވާ ޗެކްތަކެއް ނޫން ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުވާގައި މުސްތަފާ އެދިވަޑައިގެންފައި ވަނީ އެކީ އެއްފަހަރާ އެ ފައިސާ އޭނާ އަށް ދިނުމަށް އެމެޓީގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.