ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބު އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓާއި އީގަލްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އީގަލްސް

މެޗުގެ ހަ ވަނަ މިނެޓުގައި އަހްމަދު ސުހައިލް (ބަންޕުޗް) ވަނީ ނިއު އަށް ލީޑު ހޯދައިދީފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހްމަދު ޝަމީމެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ނުވަނީސް އީގަލްސް އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. އެ ދެ ލަނޑު ވެސް އީގަލްސް އަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމް (އަންކޮ)އެވެ. މެޗުގެ 47 ވަނަ މިނެޓުގައި އޭނާގެ ފުރަތަމަ ލަނޑު ފެނިގެންދިޔަ އިރު، 49 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑަކީ އީގަލްސް އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ނިއު އިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ނިއުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސުހައިލެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް މުހައްމަދެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އީގަލްސް

ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް އެވެ.

އެފްއޭއެމުން 21 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް މި އަހަރު އަލުން ފަށާފައިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ޔޫތު ޗެމްޕިއަންޝިޕް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ބާއްވަމުންދިޔައެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސްއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އީގަލްސް

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.