21 Aug 2016, 13:42
ށ. އަތޮޅުގެ ފަސް ރަށެއްގައި ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށް ޑެލިވަރީ ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫގެ އިތުރުން އެ އަތޮޅު މަރޮށި އަދި ގޮއިދުއަށް ބޭނުންވާ ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށް ޑެލިވަރީ ކުރުމަށް ހަވާލުކުރީ އެންޓްރަންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 730،541.00ރ (ހަތްލައްކަ ތިރީސްހާސް ފަސްސަތޭކަ ސާޅީސް އެކެއް) ރުފިޔާ އަށެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އެންޓްރަންސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހަސަން ސައީދެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އެ މަސައްކަތަކީ ޕަބްލިކް ސެކްޓަރު އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ސާފުރާއްޖެ ޒޯން އެކެއްގެ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ދަށުން ހަވާލުކުރެވުނު މަސައްކަތެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީގެ ދަށުން 13 ރަށަކަށް ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ގެނައުމަށް ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކުނި އެންދުމަށް ބޭނުންކުރާ އިންސިނިރޭޓަރު ގެނެސް ފަސް ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.