ބާޒާރުގައި ޑީސަލްގެ އަގު ބޮޑު ވަމުންދާ ކަމަށް ބުނެ، ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ދޭ ޚިދުމަތްތަކަށް ދެ ޕަސެންޓްގެ ފިއުލް ސާ ޗާޖެއް ނަގާ ގޮތަށް ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ނިންމައިފި އެވެ.

ކުޅުދުއްފުށީ ޕޯޓު ލިމިޓެޑްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް މިއަދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ކުންފުނިން ސާ ޗާޖެއް ނަގާ ގޮތަށް ނިންމީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބަނދަރުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ވެހިކަލްތަކަށް ބޭނުންވާ ޑީސަލަށް ކުރަން ޖެހޭ ޚަރަދު ބޮޑުވެފައި ވާތީ ލިބެމުންދާ ގެއްލުން ފޫބެއްދުމަށް ކަމަށެވެ.

އާތިފް ވިދާޅުވީ ތެލުގެ އަގު ހަމަ މަގަށް އެޅުމުން ފިއުލް ސާ ޗާޖް ނުނަގާ ގޮތަށް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިން ވެސް ތެލުގެ އަގު ބޮޑު ވުމާ ގުޅިގެން ފިއުލް ސާ ޗާޖެއް ނަގާފައި ވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.
"މި ބަލަނީ ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ވެސް އަޅުގަނޑުމެންނަށް ގެއްލުން ނުވާ ވަރަށް ނެގޭތޯ. ބަނދަރު ފުރަތަމަ ހިންގަން ފެށުނީ ފުދޭ ވަރެއްގެ ގެއްލުމެއްގައި. އެކަމަކު މިހާރު ރިކަވާ ވަމުން މިދަނީ މަޑު މަޑުން،" އާތިފް ވިދާޅުވި އެވެ.

ސަރުކާރާއި ރައްޔިތުންގެ ކުޑަ ހިއްސާއެއް އޮންނަ އެސްޓީއޯ އިން މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 15.65ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް 16.19ރ. އަށެވެ.

ދުނިޔޭގެ ބަޒާރުގައި މިހާރު ތެޔޮ ފިފާއެއްގެ އަގު އުޅެނީ 100 ޑޮލަރަށް ވުރެ މަތީގަ އެވެ.