21 Aug 2016, 13:38
ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ، ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އޮފީސް ކޮލޮމްބޯއިން ބޭރަށް ބަދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކޮލޮމްބޯގެ އެންމެ ބޮޑު އަވަށް ކަމުގައިވާ ބޮރެއްލާގައި ހުންނަ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީސް ބަދަލުކޮށްފައިވަނީ ބައްތަރަމުއްލަ އަވަށަށެވެ. މި އަވަށަކީ ސްރީލަންކާގެ ވެރިރަށް ސްރީ ޖާޔަވަރްދެނަޕޫރަ ކޯއްޓޭއާ އިންވެގެން އޮންނަ، ރެޒިޑެންޝަލް ސަރަހައްދެކެވެ.
ލަންކާގެ އިމިގްރޭޝަނުން ބުނާ ގޮތުގައި، ކޮލޮމްބޯގައި މިހާރު ހުންނަ އެ ޑިޕާޓްމެންޓުގެ އޮފީހާއި، ކެންޑީ، މާތަރަ އަދި ވައުނިޔާ އަވަށުގައި ހުންނަ އެ ޑިޕާޓްމެންޓުގެ އޮފީސްތަކުން 26 އޯގަސްޓް ވަނަ ދުވަހު އެއްވެސް ޚިދުމަތެއް ނުލިބޭނެއެވެ.
އަދި ބައްތަރަމުއްލައަށް ބަދަލުވެ، އޮފީސް ހުޅުވާ ދުވަސް ކަމުގައިވާ އޯގަސްޓް 29 ވަނަ ދުވަހު، އެއް ދުވަހުން ޕާސްޕޯޓް އިޝޫ ކުރުމުގެ ޚިދުމަތް ނުލިބޭނެ ނަމަވެސް، އެހެން ހުރިހާ ޚިދުމަތްތަކެއް އެ ދުވަހުން ފެށިގެން އެ އޮފީހުން ލިބެން ހުންނާނެ ކަމަށް އިމިގްރޭޝަން އޮފީހުން ބުނެއެވެ.
އެހެންކަމުން ސްރީލަންކާގައި ދިރިއުޅޭ ދިވެހީން ވިސާ ޖެހުމުގެ ކަންކަން ކުރުމަށް ދެން ދާންޖެހޭނީ ބައްތަރަމުއްލައަށެވެ. އިމިގްރޭޝަން އޮފީސް ގާއިމު ކުރަނީ ބައްތަރަމުއްލަގައި ހުންނަ "ސުހުރުޕާޔަ" އޮފީސް ބިލްޑިންގްގަވެ.
ކޮލޮމްބޯގެ ބޮރެއްލާގައި މިހާރު ހުންނަ އިމިގްރޭޝަން އޮފީހުގެ ޖާގައިގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ކޮންމެ ދުވަހަކު އެ އޮފީސް ހުންނަ އިމާރާތާއި އެތަނުގެ ބޭރުގައި މީހުން ފުރި ބާރުވެފައި އޮންނަ އިރު، އިމިގްރޭޝަން އޮފީހަށް ޖާގައިގެ ހައްލެއް އޮތީ ބޭނުންވެފައެވެ.
ލަންކާ ސަރުކާރުން ދަނީ، އެގައުމުގެ ދައުލަތުގެ ގިނަ ރަސްމީ އޮފީސްތައް އެގައުމުގެ ވެރިރަށް ސްރީ ޖާޔަވަރްދެނަޕޫރަ ކޯއްޓޭއަށާއި ބައްތަރަމުއްލަ ފަދަ، ކޮލޮމްބޯއިން ބޭރުގެ އަވަށްތަކަށާއި ސިޓީތަކަށް ބަދަލު ކުރަމުންނެވެ.