21 Aug 2016, 12:31
އައްޑު އަތޮޅު ގަމުގެ ދޫގަސް ގެސްޓު ހައުސް އެމްޕީއެލް އާ ހަވާލުކުރާތާ ދެމަސް ދުވަހުގެ ތެރޭގައި ގެސްޓުން އެތަނަށް ގެންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
ޖުނައިދު އެހެން ވިދާޅުވީ މިއަދު އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނަށް ޖޯލިފަތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ދޫގަހަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށްބޮޑު ހުވަފެނެއްކަމަށާއި ދޫގަސް އޮޕަރޭޝަނަށް އަންނައިރު 200 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެތަން ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދެކެވިފައިވާ ކަމަށާއި އެތަން އެމްޕީއެލްއާ ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑު މިތާ ސީއީއޯއަކާ ހަވާލުވެ ހުރެ އަޅުގަނޑުގެ ދަށުން މިކަން ހިނގަންޏާ ﷲގެ އިރާދަފުޅާ އެކު ދެ މަސް ދުވަސް ތެރޭގައި ގެސްޓުން މިތަނަށް އަޅާނަން،" އޭނާ ވިދާޅުވި އެވެ.

މަޖޫރީންނަށް ޖޯލިފަތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އެމްޕީއެލްގެ ސީއީއޯ ޖުނައިދު ނޫސްވެރިންނަސް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ގަމުގެ ދޫގަހަކީ، ރާއްޖޭގައި ހިންގަމުން އައި އެންމެ ގިނަ ދުވަސްވީ އެއް ގެސްޓް ހައުސްއެވެ. ގަމުގައި އަސްކަރީ މަރުކަޒު ހަދައިގެން ތިބި އިނގިރޭސިން އައްޑު އަތޮޅުން ފޭބި ހިސާބުން ފެށިގެން ދޫގަސް ބޭނުން ކުރަމުން އައީ ސަރުކާރުގެ ގެސްޓު ހައުސްއެއްގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ދޫގަސް އެމްޕީއެލް އާ ހަވާލުކުރާނީ ކުރީގެ ކުންފުނީގެ މައްސަލަތައް ހައްލުކުރުމަށްފަހުގައި ކަމަށާއި މިހާރު ކުރިއަށް ދަނީ ލިޔެކިޔުމުން ނިންމަން ޖެހޭ ކަންތައްތައް ނިންމުމުގެ މަސައްކަތް ކަމަށެވެ.
ދޫގަސް އެމްޕީއެލްއަށް ލިބިއްޖެ ނަމަ އައްޑު އަތޮޅުގެ ބަހުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ވެސް ޖުނެއިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެރިސޯޓު [ދޫގަސް] ލިބިއްޖެއްޔާ އަޅުގަނޑުމެންނަށް ގެއްލުމެއް ނެތި އައްޑޫގައި [ބަހުގެ] ހިދުމަތް އެންމެ ފެންވަރު ރަނގަޅު ހިދުމަތެއްގެ ގޮތުގައި ދެވޭނެ،" އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެވެ.