21 Aug 2016, 11:56
އައްޑޫ ސިޓީގެ ޕަބްލިކް ޓްރާންސްޕޯޓުގެ ދަށުން މިހާތަނަށް އައްޑޫ ސިޓީގައި އެއްގަމު ދަތުރުތަކުގައި ބޭނުން ކުރާ ބަހުގެ ހިދުމަތް 10،000 އަށް ވުރެ ގިނަ މީހުން ހޯދާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މިއަދު ހެނދުނު އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީންނަށް ޖޯލިފަތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ޖުނައިދު ވިދާޅުވީ، އައްޑޫގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އައްޑޫ ސިޓީގައި މިހާރު އެމްޕީއެލްއިން ދެމުން އަންނަ ބަހުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 13 ވަނަ ދުވަހުގައެވެ.
އޭނާ ވިދާޅުވީ، މިހާރު ހުޅުދޫމީދޫގެ ވަގުތީ ފެެރީޓާމިނަލްގެ ހުޅުވާފައިވާ ކަމަށާއި، ފޭދޫގައިވެސް ވަގުތީ ފެރީ ޓާމިނަލެއް ހަފްތާއެއްގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށެވެ.

އެމްޕީއެލްއިން ހަދިޔާކުރި ޖޯލިފަތީގައި އެމްޕީއެލްގެ ސީއީއޯ އެތަނުގައި މަސައްކަތް ކުރާ މަޖޫރީންތަކަކާއެކު --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
މިއަދުގެ ރަސްމިއްޔާތުގައި މަޖޫރީންނަށް ޖޯލިފަތި ހަދިޔާކޮށްފައިވާއިރު، އެ ސަރަހައްދުގައިހުރި ގަސްތަކުގެ ހިޔަލުގައި އިށީނދެ ތިބެވޭ ގޮތަށް ގަލުން ގޮނޑިހަދައި އެތަން ތަރައްގީ ކުރާނެ ކަމަށް ޖުނައިދު ވިދާޅުވިއެވެ.
އެތަން ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީގައި ހުއްދަ ހޯދުމަށް އެދިފައިވާ ކަމަށާއި، އެ މިނިސްޓްރީން ވަރަށް ޕޮސިޓިވް ޖަވާބެއް ދެއްވާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.