21 Aug 2016, 10:55
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓަރ ސިޓީއާ ވާދަކޮށް، ލަނޑެއް ނުޖެހި އާސެނަލް އެއްވަރުވި މެޗަށް ފަހު، އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ކޯޗު އާސެން ވެންގާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ކްލަބަށް ރަނގަޅު ކުޅުންތެރިން ނުހޯދާނަމަ، މަގާމުން އިސްތިއުފާދިނުމަށް ސަޕޯޓަރުން ޕްރެޝަރުކުރަމުން ދާ މި ދަނޑިވަޅުގައި، މިފަހަރުގެ ޓްރާންސްފަރ ނިމުމުގެ ކުރިން ރަނގަޅު ކުޅުންތެރިން ހޯދަން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރާން ތައްޔާރަށް ހުރިކަމަށް ވެންގާ ވަނީ ބުނެފައެވެ.
މި ސީޒަންގެ ޕްރިމިއަރ ލީގު ފެށިގެން މިހާތަނަށް އާސެނަލް ދެ މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން އެޓީމު މޮޅުވެފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން 4-3 ލަނޑުން އާސެނަލް ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ޗެމްޕިއަން ލެސްޓާއާ ވާދަކޮށް ލަނޑެއް ނުޖެހި އެ މެޗުވަނީ އެއްވަރުވެފައެވެ.
މި ނަތީޖާ ތަކަށްފަހު، ކްލަބުގެ ސަޕޯޓަރުން ދަނީ، މިފަހަރުގެ ޓްރާންސްފަރ ނިމުމުގެ ކުރީން އާސެނަލްގެ ޗެކްބުކް ހުޅުވާލައި، ރަނގަޅު ކުޅުންތެރީންތަކެއް ގެނައުމަށް ކޯޗަށް ގޮވާލަމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރޭން -- ފޮޓޯ: ގޯލް
ވެންގާ ބުނީ، ރަނގަޅު ކުޅުންތެރިއަކު ފެނިއްޖެ ނަމަ އެ ކުޅުންތެރިއަކު ހޯދަން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރާން ޖެހުނަސް އެކަމަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް، ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން ކޮންމެކޮންމެ ފެންވަރެއްގެ ކުޅުންތެރީން ހޯދުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ އޭނާ ސުވާލު އުފެއްދިއެވެ.
"އަހަރެން 45 މިލިއަން ޕައުންޑު ދީފައި ކުޅުންތެރިއަކު ގެނެސްފިއްޔާ އެވާނެތަ އެންމެ ރަނގަޅު ގޮތްކަމަށް؟" ފައިސާ ޚަރަދުކުރާން އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށާއި ބޭނުންވަނީ އަގުބޮޑު ނޫން ނަމަވެސް މޮޅު ކުޅުންތެރީންކަން ފާހަގަކުރަމުން ވެންގާ ބުންޏެވެ.
"އަހަންނަކަށް ނުވިސްނޭ މީހުން ކީއްވެކަމެއް ބުނަނީ، ޚަރަދުކުރާން އަހަރެން ފަސްޖެހެނީއޭ."
އާސެނަލްގެ ކޯޗު ބުނީ، "ކޮލިޓީ ގޮތަކީ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރުމެއް ނޫން. ކޮލިޓީ ގޮތަކީ ރަނގަޅު މޮޅު ކުޅުންތެރިއަކު ގަންނަން އެ ފައިސާ ހަރަދުކުރުން " ކަމަށެވެ.
މިފަހަރުގެ ޓްރާންސްފަރގައި ވެންގާ ވަނީ، 35 މިލިއަން ޕައުންޑަށް، ބޮރޫޝިއާ މޮންޗެންގަލްބެޗްގެ މިޑްފީލްޑަށް ކުޅެމުންއައި ގްރެނިޓް ޒަކާ އާއި، އަދި 2 މިލިއަން ޕައުންޑުގެ ފީއަކަށް އިނގިރޭސި ޒުވާން ޑިފެންޑަރު ރޮބް ހޯލްޑިން އެޓީމަށް ގެނެސްފައެވެ. އުމުރުން 20 އަހަރުގެ ރޮބް ހޯލްޑިން ވަނީ ލެސްޓާއާ ދެކޮޅަށް މޮޅުކުޅުމެއް ދައްކައިފައެވެ.
މިފަހަރުގެ ޓްރާންސްފަރ ނިމުމުގެ ކުރީން، ސްޕެއިންގެ ވެލެންސިއާގެ ސެންޓްރަލް ޑިފެންޑަރ ޝޮދްރާން މުސްތަފީ 25 މިލިއަން ޕައުންޑުގެ ފީއަކަށް ގެންނަން އާސެނަލުން ދަނީ ތައްޔާރުވަމުންނެވެ.
"ރަނގަޅު ކުޅުންތެރީން އަހަންނަ ފެނިއްޖެ ނަމަ 300 މިލިއަން ޕައުންޑްވެސް ޚަރަދުކޮށްފާނަން، އަހަރެމެން އަތުގައި އެބަހުރި ޚަރަދުކުރާން 300 މިލިއަން ޕައުންޑް. އެކަމަކު އަހަރެމެން ހަނދާކުރާންޖެހޭ ކަމެއް 600 މުވައްޒަފުންވެސް އަހަރެމެންގެ އެބަ ތިބިކަން،" ވެންގާ ބުންޏެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރޭން -- ފޮޓޯ: ބީބީސީސްޕޯޓްސް
ވެންގާ ބުނީ، އެއްވެސް ވަރަކަށް ކަންކަން ދިރާސާކުރުމަކާ ނުލައި، މީހުން ފާޑުފާޑު ވާހަކަދައްކާތީ އޭނާ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އަދި މިގޮތަށް އެއްވާހަކައެއް ތަކުރާރުކުރާން ޖެހޭތީ ފޫހިވެފައިވާ ކަމަށްވެސް އާސެނަލް ކޯޗު ބުންޏެވެ.
"އެއްވެސް މީހަކު ނުދައްކާ ރޮބް ހޯލްޑިން ދެއްކި މޮޅު ކުޅުމުގެ ވާހަކައެއް. ކަލޭމެން އުފާކުރާން ޖެހޭ. އެއީ އުމުރުން އެންމެ 20 އަހަރުގެ އިނގިރޭސި ކުޅުންތެރިއެއް. އެކަމަކު އޭނާ ގަންނަން އަހަރެން 55 މިލިއަން ޕައުންޑް ޚަރަދެއް ނުކުރަން. އެހެންވީމަ އޭނާއަށް މޮޅަކަށް ނުކުޅެވޭނެތަ،" ފާޑުކިޔާ ފަރާތްތަކަށް ރައްދުދެމުން ވެންގާ ބުންޏެވެ.
ޕްރިމިއަރ ލީގުގައި ހަތަރު ޓީމެއް ފިޔަވައި ހުރިހާ ޓީމަކުން ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެންމެ ޕޮއިންޓަކާއެކު އާސެނަލް އޮތީ ތާވަލުގެ 12 ވަނައިގައެވެ. ލީގުގައި ދެން އެންމެ އަވަހަށް އާސެނަލް މެޗެއް ކުޅެން ޖެހޭނީ މިމަހުގެ 27 ވަނަ ދުވަހު ރަށުން ބޭރުގައި ވޮޓަފޯޑާ ދެކޮޅަށެވެ.