މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ޅ އަތޮޅުން ފެށިގެން އައްޑޫއާ ހިސާބަށް ފައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ޅ އިން ފެށިގެން އައްޑޫއާ ހިސާބަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 2:30 ހާ ހަމައަށެވެ. ރޭގެ ވަގުތެއްގައި ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެއީ ލ. އިން ފެށިގެން ހއ އަތޮޅާ ހަމައަށެވެ.

މިއަދަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ
  • ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައިއަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާ ގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ
  • ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި، ވައި ގަދަވެ އަދި ކަނޑުތައް ގަދަވާނެތީ، އާންމުކޮށް އެންމެހާ ފަރާތްތަކުން އަދި ޚާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ތިން އެލާޓަކީ ހުދާއި ރީނދު ލާއި ރެޑް އެލާޓެވެ. ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ. ރެޑް އެލާޓްގެ މާނައަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމެވެ.