ތައިލެންޑުގެ ހޮޓަލެއްގެ އެނދެއްގެ ދަށުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެ އެވެ.

ތައިލެންޑްގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ތައިލެންޑްގެ ޕަތާޔާގެ ހޮޓަލެއްގެ އެނދު ދަށުގައި މީހެއްގެ ހަށިގަނޑު އޮތް އިރު، އެކަން ނޭނގި، ބަޔަކު ވަނީ އެ ކޮޓަރީގައި މަޑު ކޮށްފަ އެވެ.

އެ ކޮޓަރި ތެރެއިން ނުބައި ވަސް ނުވާތީ، އެކޮޓަރީގައި މަޑުކުރި ދެމަފިރިން ވަނީ ހޮޓަލުގެ މުވައްޒަފުން ލައްވާ އެތަނަށް ސްޕްރޭ ކުރުވާފަ އެވެ.

އެހެން ނަމަވެސް، އެ ދެމަފިރިން ހޮޓަލުން ޗެކްއައުޓްވި ފަހުން ހޮޓަލުގެ ސްޓާފުން އެ ކޮޓަރި ސާފު ކުރަމުން ދިޔަ އިރު، އެނދު ކައިރިން ލޭ ފެނިގެން އެކަން ހޮޓަލުގެ އިސްވެރިންނަށް އެންގި އެވެ.

ހޮޓަލުގެ އެންމެ މަތީ ފަންގިފިލާގައި ހުރި އެ ކޮޓަރީގެ އެނދުތަންދޮށް ބެލި އިރު، ޓްރާންސްޖެންޑާ އަންހެނެއްގެ މަރުވެފައިވާ ހަށިގަނޑު ވަނީ ފެނިފަ އެވެ. އެތަނަށް ދިޔަ ފުލުހުން ބުނާ ގޮތުގައި، ބެލެވޭ ގޮތުގައި އެ ހަށިގަނޑު އެތަނުގައި އޮންނަތާ ތިނެއް ނުވަތަ ހަތަރު ދުވަސް ވެދާނެ އެވެ.

ތައިލެންޑުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެންމެ ފަހުން އެ ކޮޓަރިއަށް ޗެކްއިން ވެފައިވަނީ ދެ ފިރިހެނެކެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެ ދެމީހުން އެތަނަށް ޗެކްއިން ވީ އެ އަންހެން މީހާއާ އެކުގަ އެވެ. އަދި އޭގެ ދެ ދުވަސް ފަހު އެ ދެ ފިރިހެނުން ހޮޓަލުން ޗެކްއައުޓްވި އެވެ.

އެ މީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް ތައިލެންޑުގެ ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.