30 May 2011, 14:30
ލ. ގަމުން ވިއްކުމަށް ސަރުކާރުން ހަމަޖެއްސި 27 ގޭގެ ތެރެއިން 10ގެ ބީލަމުން ވަކިކުރުމަށް ފަހު 27ގެ އަށް ނަން ނޯޓް ކުރި ފަރާތްތަކަށް އޭގެތެރެއިން 17ގެ ވިއްކުމަށް ޝަރުތުތަކެއް ކަނޑައަޅައި އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ސުހެއިލް އަހްމަދު މިއަދު ވިދާޅުވީ 2009 ގައި އެ 27ގެ ގަތުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެއް ހާހަށް ވުރެ ގިނަ މީހުން ކުރިމަރިލި ކަމަށެވެ. އަދި އެހާ ގިނަ ބަޔަކު އެކަމަށް އެދި ހުށަހަޅާފައި ވާތީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ހުޅުވާލުމަށް އޭރު ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސުހެއިލް އަދި ވިދާޅުވީ އެ 27 ގޭގެ ތެރެއިން 10 ގެ ފަހުން ސަރުކާރުން ލ. ކަޅައިދޫ މީހުންނަށް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
"ހަތާވީސް ގެ ވިއްކުމުގެ ކަންތައްތައް ދިގުލައިގެން ގޮސްފައި ވަނީ އެކަމުގެ ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވެގެން،" ސުހެއިލް ވިދާޅުވި އެވެ.
އެ 27 ގެއާ ގުޅިގެން އެޗްޑީސީން އަލުން މި މަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މިހާރު ވިއްކުމަށް ހަމަޖެހިފައިވާ އެ 17 ގެ ވިއްކުމަށް ހަމަޖެހިފައި ވަނީ 27 ގެ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ދިގު މުއްދަތަކަށް ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ވިއްކުމަށް ހަމަޖައްސާފައިވާ އެ ގަތަކަށް ފައިސާ ދެއްކުމަށް ހަމަޖައްސާފައި ވަނީ 15 އަހަރަށް ބަހާލައިގެންނެވެ. އެގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ދައްކަން ޖެހޭ އަދަދަކީ 2500 ރުފިޔާ އެވެ.
އެޗްޑީސީގެ އިޢުލާނުގައި އަދި ބުނެފައި ވަނީ ގެތައް ވިއްކާ ފަރާތްތައް ނިންމުމުގައި ބަލާނީ ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދީގެން، އަދި ޕޮއިންޓްގެ ގޮތުން މަތިންލިބޭ ނުވަތަ ޕޮއިންޓްގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ.
އެޗްޑީސީން ވިއްކުމަށް ހަމަޖައްސާފައިވާ އެ ގެތަކަކީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ބޭރުގެ އެހީދޭ ޖަމާއަތްތަކުން ރާއްޖޭގައި އެޅި ގެތަކުގެ ތެރެއިން ގަމުގައި ސަރުކާރުން ހަރަދުކޮށްގެން އަޅާފައިވާ 27 ގޭގެ ތެރެއިން 17ގެ އެވެ.
ގައުމުގައި އަލަށް އާބާދުވާ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެގެތަކުގެ ތެރެއިން 17 ގެ ވިއްކުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ގަމު ކައުންސިލްގެ އިދާރާއިން ވަނީ ކައުންސިލަށް ފައިދާއެއް ނުވާނެ ގޮތަކަށް އެގެތައް ނުވިއްކޭނެ ކަމަށް ބުނެ މިއަދު މެންދުރު ފަހު ގަރާރެއް ނެރެފަ އެވެ.
ކައުންސިލްގެ ނައިބް ރައީސް އަސްލަމް މުހައްމަދު މިއަދު ވިދާޅުވީ ކައުންސިލްގެ ފަސް މެންބަރުން ސޮއިކޮށް ނެރެފައިވާ އެގަރާރުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެގެތައް ވިއްކަންވާނީ ކައުންސިލަށް މަންފާކުރާ ގޮތަކަށް ކަމަށާއި އެގެތަކަކީ ވިއްކާ ގެތަކަށްވާތީވެ އެގެތައް ގަތުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭނެ ޖެހޭނެ ކަމަށެވެ.
" ގެތައް ވިއްކުމަކުން އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އެގެތަކަކީ މިރަށުގައި ހުރި ގެތަކެއް ވީމާ ރަށު ކައުންސިލަށް ވެސް އެނގެން ޖެހޭނެ އެގެތައް ވިއްކާނަމަ،" އަސްލަމް ވިދާޅުވި އެވެ.