04 May 2010, 14:38
19:00
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލް ފާސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމަވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލް ދިޔާސާކުރި ކޮމިޓީން މަޖިލީހަށް ރިޕޯޓް ހުށަހެޅުމުން ބިލަށް އިސްލާހް ހުށަހެޅުއްވުމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މެންބަރުންނަށް ފުރުސަތު ހުޅުވާލެއްވި އެވެ. އަދި އެ ބިލަށް މެންބަރުން ގިނަ އިސްލާހްތަކެއް ހުށަހަޅުއްވާފައިވާތީ، ބިލުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުށަހަޅައި ފާސްކުރެއްވި އެވެ. އަދި ބިލަށް ހުށަހަޅުއްވާފައިވާ އިސްލާހް ތަކަށް ވޯޓަށް އައްސަވައި ނިންމެވުމަށްފަހު ބިލު ފާސްކުރަން ފެނިވަޑައިގަންނަވައިތޯ، ރިޔާސަތުން ވޯޓަށް އެއްސެވުމުން ބިލު ފާސްކުރެއްވީ، އެވަގުތު ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓުދެއްވައިގެންނެވެ.
ބިލަށް މެންބަރުން ހުށަހެޅުއްވި އިސްލާހްތަކުގެ ތެރެއިން މެންބަރުންގެ މެދުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވި އިސްލާހަކީ، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެއްޓުމާހިސާބުން ފެށީގެން، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ކައުންސެލަރުންގެ ބަދަލުގައި ރަށްރަށާއި އަތޮޅުތަކުގެ އެންމެއިސް ވެރިންގެ ގޮތުގައި ތިބެންޖެހޭނީ ސިވިލްސާވިސް ކޮމިޝަނުން ހުށަހަޅާ ބަޔަކު ކަމަށް ހުށަހެޅުއްވި އެވެ. އިސްލާހް މި އިސްލާހާމެދު ސަރުކާރާށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަނިކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެގޮތަށް ފާސްކުރި ނަމަވެސް އެ ކަމަށް ކައުންސެލަރުން ތަބާވާން ނުޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކައުންސެލަރުން ތިބެގެން ނުވާނެ ކަމަށެވެ. އަދި ކައުންސެލަރުންނަކީ ގާނޫނާ ހިލާފަށް ރައީސް އައްޔަން ކުރައްވާފައިވާ ބައެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މި ބަހުސް ހޫނުވުމުގެ ސަބަބުން ދެފަރާތުން ވާހަކަ ދެއްކެވުމަށްފަހު އެ އިސްލާހަށް ބަދަލު ގެނަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިއްލާން ކުރާ ހިސާބުން ފެށިގެން އެ އިންތިހާބު ބޭއްވޭ ދާއިރާއެއްގައި ތިބި ކައުންސެލަރުންގެ ބަދަލުގައި ސިވިލްސާވިސް ކޮމިޝަނުން ކަނޑައަޅާ ފަރާތްތަކެއް އެންމެ އިސްވެރިންގެ ގޮތުގައި ތިބެން ޖެހޭނެ ކަމަށް އިސްލާހަށް ބަދަލުގެނަސް އެ އިސްލާހް ވަނީ ފާސްކޮށްފަ އެވެ.
މި ބިލުގައިވާގޮތުން ބިލު ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް މަސްދުވަހުގެ ތެރޭގއި މަގާމުތަކަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ފުރުސަތު ހުޅުވާލަންޖެހޭނެ އެވެ.
މި ބިލް ފާސްކޮށްނިމުމުން ބިލްގައިވާ ބައެއް ކަންތައްތަކާމެދު ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވި އޭގެ ތެރެއިން ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ރިޔާސަތާ މުހާތަބު ކުރައްވައި ވިދާޅުވީ ބިލު ފާސް ކުރައްވާފައިވަނީ އެތައްބައެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަގޮތަށް ކަމަށެވެ. ނަމަވެސް އެކަމުގައި ރިޔާސަތުން ކުރެއްވި އެއްވެސްކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ އެވެ. އިތުރު މެންބަރަކަށް ނިޒާމީ ނުކުތާ ނުދެއްވައި، ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިމުނުކަން އިއްލާން ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮޕީރައިޓްސްއާބެހޭ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ބަލައިގަނެފައެވެ.