21 Aug 2016, 10:44
ތުރުކީ ވިލާތުގެ އިރު ދެކުނު ސަރަހައްދުގެ ސިޓީއެއްގައި ހިނގަމުން ދިޔަ ކައިވެނި ހަފްލާއަކަށް އަމާޒުކޮށް ބަޔަކު ދިން ބޮމުގެ ހަމަލާއެއްގައި 30 މީހުން މަރުވެ، 94 މީހަކު ޒަޚަމް ވެއްޖެ އެވެ.
ތުރުކީއާއި ސީރިއާގެ ބޯޑަރު ކައިރީގައި އޮންނަ ގާޒިއަންޓެބް ނަމަކަށް ކިޔާ މި ސިޓީގައި އިއްޔެ ދިން ބޮމުގެ ހަމަލާއަކީ ޖާނުން ފިދާވެގެން މީހަކު ދިން ހަމަލާއެއް ކަމަށް ބެލެވެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާ ދީފައި ވަނީ ކުރްދިޝް ހަނގުރާމަވެރިންގެ ބަޔަކު، ނުވަތަ އައިއެސްއިންނެވެ.
ތުރުކީގެ ބޮޑުވަޒީރުގެ ނައިބު މެހްމެދު ސިމްސެކް ވިދާޅުވީ، އެއީ ވަރަށް ނާތަހުޒީބު ހަމަލާއެއް ކަމަށާއި ބެލެވޭ ގޮތުގައި އެއީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށެވެ.
ތުރުކީގައި ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް މަސް ދުވަސް ވެސް ނުވަނީސް މިފަދަ ހަމަލާއެއް އެގައުމުގައި ދީފައިވާ އިރު، ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ ތުރުކީއަށް ހުރިހާ ފަރާތަކުން ވެސް އަންނަނީ ހަމަލާތައް އަމާޒުކުރަމުން ކަމަށެވެ.
އެގޮތުން އައިއެސް، ކުރްދީން އަދި ނާކާމިޔާބު ބަޣާވާތް ރޭވި ކަމަށް ބެލެވޭ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގުލަންގެ ފިކުރަށް ތާއީދުކުރާ މީހުން ބޭނުންވަނީ ތުރުކީ "ދަށް ކޮށްލަން" ކަމަށާއި، އެހެން ނަމަވެސް އެފަދަ ނިޔަތެއްގައި ކުރާ ކަމެއް ކާމިޔާބު ނުވާނެ ކަމަށް ސިމްސެކް ވިދާޅުވި އެވެ.