ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރުމުގެ ގޮތުން ދ. ވާނީގައި ހިންގި "އުއްމީދީ ފަހި މާދަމާ" ކޭމްޕު ނިންމާލައި އެ ޕްރޮގުރާމުގައި ބައިވެރިވި ކުދިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ އެ ޕްރޮގުރާމުގައި ބައިވެރިވި ކުދިންނާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބައްދަލު ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި އެ ކުދިންގެ މުސްތަގުބަލު މިހާރު ރާވާފައިވާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު އެ ކުދިންނާއި ބައްދަލުކޮށްލަން ބޭނުންވީ މިކަމުގެ މުހިއްމު ކަމާއި މި ޕްރޮގުރާމުގެ އަގުބޮޑު ކަމާއި އަދި މި ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ މުއައްސަސާތަކާއި އަދި މި ޕްރޮގުރާމަށްޓަކައި އުއްމީދު ކޮށްގެން ތިއްބެވި އަޅުގަނޑުމެންގެ ލޮބުވެތި ބެލެނެވެރިންގެ ހިތުގައި އެކުދިންނާ ދޭތެރޭ އުފެދިފައި ހުރި އުއްމީދީތައް ހިތަށް އެރުމަށްފަހު، އަދި ސަރުކާރުން މި ހިންގި ޕްރޮގުރާމު ގެންދެވުނީ ކިހާ ކާމިޔާބު ކަމާއި އެކުގައިތޯ ބެލުމަށްޓަކައި،" އަޒްލީން ވިދާޅުވި އެވެ.

"އުއްމީދީ ފަހި މާދަމާ"ގެ ނަމުގައި ބޭއްވި ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަޒްލީން ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ

އަޒްލީނު ވިދާޅުވީ އެ ބައްދަލުވުމުން އެނގިގެން ދިޔައީ މުޖުތަމައުގައި ރަނގަޅު އަހުލާގު އަށަގަނެފައި ތިބި ކުދިންނާއި އުއްމީދު ކޭމްޕު ނިންމާލި ދަރިވަރުންނާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަޒްލީން ވިދާޅުވީ އުއްމީދު ކޭމްޕު ނިންމާލި ދަރިވަރުންނަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ މައިންބަފައިންގެ ބަސް އަހާނެ ކުދިންތަކެއް ކަމަށް އުފަލާއި އެކު ފާހަގަކުރައްވާ ކަމަށެވެ.

"މިހެން މި ދަންނަވަން ޖެހެނީ އެކުދިންނާ އެކު އަޅުގަނޑު ބައްދަލުކުރިއިރު އެކުދިންގެ ޝުއޫރުތަކާއި އެކުދިންގެ ސިކުނޑިތަކަށް އައިސްފައި ހުރި ބަދަލުތަކުން. އަދި އޮމާން ކަމާއި އަމާންކަމާއެކު ކިޔަވާ މޮޅުވެގެން މުޖުތަމައަށް ބޭނުންވާ މުހިއްމު ފަރުދުންތަކެއްގެ ގޮތުގައި އެ ކުދިންގެ ކުރިއަށް އޮތް ދުވަސްތައް ހޭދަ ކުރަން ބޭނުންވާ ކަމުގެ ވާހަކަ ކޮންމެ ކުއްޖަކު ވެސް އަޅުގަނޑު ގާތު ބުނަމުން ގެންދިޔަ،" އަޒްލީން ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު ފެށި އެ ޕްރޮގްރާމުގައި ޖުމުލަ 19 ކުދިން ބައިވެރިވި އެވެ. އެ ބައިވެރިންނަށް އެކި ތަމްރީނުތަކާއި ސެޝަންތައް ނަގައިދީފައި ވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި އެމްއެންޑީއެފާއި ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ 27 މީހުން ހިމެނޭ ޓީމަކުންނެވެ.