ސްޕެނިޝް ލަލީގާގައި އުރުގުއޭ ތަރި ލުއިސް ސުއާރޭޒްގެ ހެޓްރިކާއެކު ރެއާލް ބެޓިސް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ފެށުން ރަނގަޅުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ރެއާލް ބެޓިސްގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދާފައި ވަނީ 6-2 ލަނޑުންނެވެ.

މެޗުގެ ހަ ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން ބާސާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތުރުކީ މިޑްފީލްޑަރު އަރްދާ ޓުރާން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބާސާގެ ފަރާތުން ފެނުނު ޕާސިން ކުޅުމަކަށްފަހު އެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ބެޓިސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބެޓިސް އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް ރުބެން ކާސްޓްރޯ އެވެ.

ސްޕެނިޝް ލަލީގާގައި ބެޓިސް ކޮޅަށް ލަނޑެއް ޖެހުމަށްފަހު، ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވެފައިވަނީ 6-2 ލަނޑުން --- ފޮޓޯ: ގެޓީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާ އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް، އަލުން ލީޑު ހޯދައިފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި ބާސާގެ ދެ ވަނަ ލަނޑު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން އިރު، މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސުއަރޭޒެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-1 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން ސުއަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން އަރްދާ ޓުރާން ދިން ބޯޅައަކުން ބާސާގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން މެސީ އެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ބާސާ އަށް ލިބުނު ހިލޭ ޖެހުމަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް، ސުއަރޭޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭގެ ދެ މިނެޓް ފަހުން ބެޓިސްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރުބެން ކާސްޓްރޯ އެވެ.