އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި މިރޭ އާސެނަލާއި ލެސްޓާ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން އާސެނަލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި ނާޗޯ މޮންރެއާލް ދިން ބޯޅައަކުން އާސެނަލްގެ އޮކްސްލޭޑް ޗެމްބާލޭން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: ރޮއިޓާސް

މެޗުގެ 30 ވަނަ މިނެޓުގައި ވެސް އާސެނަލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އާސެނަލަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ސެންޓި ކަޒޯލާ އުފެއްދި ހަމަލާ، ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ލެސްޓާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލެސްޓާގެ އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: ރޮއިޓާސް

މެޗުގެ 70 ވަނަ މިނެޓުގައި ލެސްޓާ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ލެސްޓާގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީ އުފެއްދި ހަމަލާ، ފްރާންސް ޑިފެންޑަރު ލޯރެންޓް ކޮޝިއެލްނީ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ތެރޭގައި ލެސްޓާގެ މަހްރޭޒަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އާސެނަލްގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލައި، ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނަމަށްފަހު މަހްރޭޒް އުފެއްދި ހަމަލާ ކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފަ އެވެ.