20 Aug 2016, 22:19
ސުޕްރީމް ކޯޓުން ކުރި މަރު ހުކުމެއް އައިސްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު ޖަލުގައި ދަންޖެހެން އުޅެނިކޮށް، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އޭނާ ސަލާމަތްކޮށްފި އެވެ.
މުއްރަތަކީ ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރާލިކަން ސާބިތުވެގެން މަރުގެ ހުކުމް އައިސްފައިވާ ގައިދީއެކެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އޭނާ ބަލަހައްޓަމުން ދަނީ ކ. މާފުށީ ޖަލުގަ އެވެ.
މުއްރަތު ޖަލުގައި ބަންދުކޮށްފައި ހުއްޓާ، އޭނާ މިރޭ ދަންޖެހެން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ޑިއުޓީގައި ތިބި އޮފިސަރުން އޭނާ ސަލާމަތްކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން"އަށް މިރޭ ވިދާޅުވި އެވެ.
"ކަރުގައި ބެޑްޝީޓް އޮޅައިގެން ހުއްޓާ ފެނިގެން ކަރެކްޝަނަލް ސާވިސްގެ މުއްވަޒަފުން އޭނާ ސަލާމަތް ކުރީ. ގެއްލުމެއް ވެފައި ހުރިތޯ ބެލުމަށް މާފުށީ ސިއްހީ މަރުކަޒަށް ގެންދިއުމުން ޑޮކްޓަރު ވިދާޅުވީ އަނިޔާއެއް ނެތް ކަމަށް،" ލުގުމާން ވިދާޅުވި އެވެ.
"ދަންޖެހި އެލޭނެ ގޮތެއް އެތަނުގައި ނުހުންނާނެ. ހަމައެކަނި ބެޑްޝީޓް ކަރުގައި އޮޅައިގެން ދައްކާލީ."
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މުއްރަތު މެރުމަށް ސުޕްރީމް ކޯޓުން ތާއިދު ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ޖުލައި 1، 2012 ދުވަހުގެ ރޭ މާލޭ ގެއެއްގެ ތެރޭގައި ނަޖީބު މަރާލިކަން މުއްރަތު މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖުލައި 19، 2012 ގަ އެވެ.
މުއްރަތު ވަނީ ނަޖީބު މަރާލި ކަމަށް ތަހުގީގު މަރުހަލާގައްޔާއި ޝަރީއަތުގެ މަރުހަލާގައި ވެސް އެއްބަސްވެފަ އެވެ. ނަމަވެސް ހައި ކޯޓުގައި މުއްރަތު އެކަމަށް އިންކާރު ކުރެ އެވެ.