ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ، މިރޭ އަށަކުން މާދަމާ ހެނދުނު އަށަކަށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

އަދި ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ. މިއީ މިއަދު ހެނދުނު މެޓް އޮފީހުން ލަފާކުރި ވައިގެ ބާރު މިނަށްވުރެ ފަސް މޭލު ބާރު ވުމެކެވެ.

"ކަނޑުތައް ދެކުނުގައި އަދައިގެވަރަކަށް ގަދަވެފައި އެހެން ހިސާބުތަކުގައި ގަދަވާނެ،" މެޓް އޮފީހުން މޫސުން ކުރިއަށް ލަފާކުރާ ގޮތުގައި ބުނެފައިވެ އެވެ.

މެޓް އޮފީހުގެ ޑައިރެކްޓަރު އަހުމަދު ރަޝީދު މިރޭ ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެތިން ދުވަހު ވެސް ކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގެ މޫސުން ގޯސްވުމުގެ ސަބަބުން ގައުމީ ސަލާމަތީ ބާރު، އެމްއެންޑީއެފް އިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

އެގޮތުން ޑައިވިން ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ އެފަދަ ކުޅިވަރުތަށް ނުރޭއްވެވުމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.