21 Aug 2016, 00:16
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ފަހަތުން އަރައި، ވެޓްފޯޑް އަތުން ޗެލްސީ މޮޅުވެއްޖެ އެވެ.
ރަށުން ބޭރުގައި މިރޭ ވެޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 2-1 ލަނޑުގެ ނަތީޖާއަކުން ޗެލްސީ މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން ކުޅެމުންދިޔަ ނަމަވެސް، ވެޓްފޯޑްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ވެޓްފޯޑުގެ އިގާލޯ އާއި، އަޑްލިން ގަޑިއޯރާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވެޓްފޯޑް ކޮޅަށް ޗެލްސީގެ މިޝީ ބަޓްޝުއާއީ ކާމިޔާބުކުރި ލަނޑަށްފަހު އޭނާ އުފާފާޅުކުރަނީ: އެ މެޗުން ޗެލްސީ މޮޅުވެފައިވަނީ 2-1 ލަނޑުން --- ފޮޓޯ: ގެޓީ
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ވެޓްފޯޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ގަޑިއޯރާ ނަގައިދިން ހުރަހަކުން ވެޓްފޯޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސް މިޑްފީލްޑަރު އެޓިއެން ކަޕޫ އެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައިވެ އެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ކްލަބާ އަލަށް ގުޅުނު ބެލްޖިއަމް ފޯވަޑް މިޝީ ބަޓްޝުއާއީ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ އެޑެން ހަޒާޑް އުފެއްދި ހަމަލާ، ވެޓްފޯޑްގެ ކީޕަރު ގޮމޭޒް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ދިން ރީތި ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ.