މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ބާންލީ އަތުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި މިރޭ ލިވަޕޫލް ކުޅުނު އެ މެޗުގައި ބާންލީ އަތުން ބަލިވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗު ފެށިތާ ދެ މިނެޓް ފަހުން ބާންލީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އަންދުރޭ ގްރޭ ދިން ބޯޅައަކުން ބާންލީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ވޭލްސް ފޯވަޑް ސޭން ވޯކްސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާންލީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސްޓީވަން ޑެފޯ ދިން ބޯޅައަކުން ބާންލީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް އަންދުރޭ ގްރޭ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ބާންލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ލިވަޕޫލްގެ ޑެނިއަލް ސްޓަރިޖާއި ފިލިޕް ކުޓީނިއޯ އާއި ނެތަނިއެލް ކްލައިން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ހަނި ތަފާތަކުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ މޮޅުވެފަ އެވެ. އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ ވިންސެންޓް ވަންޔާމާ އެވެ.

ރަށުން ބޭރުގައި މިރޭ ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ހަލް ސިޓީ މޮޅުވެފައި ވަނީ 2-0 ލަނޑުންނެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޝޯން މެލޮނީ ހަލް އަށް ލީޑު ނަގައިދިން އިރު، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ހަލް އަށް ލީޑު ފުޅާކޮށްދިނީ އެބެލް ހެނާންޑޭޒެވެ.

ރަށުން ބޭރުގައި މިރޭ ވެސްޓް ބްރޮމްވިޗް އަލްބިއޮން އަތުން ފަހަތުން އަރައި 2-1 ލަނޑުން އެވަޓަން ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ނުވަ ވަނަ މިނެޓުގައި ގެރެތު މެކްއޯލޭ ވެސްޓް ބްރޮމް އަށް ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެވިން މިރާލާސް އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެވަޓަން އަށް ލީޑު ހޯދައިދިނީ ގެރެތު ބެރީ އެވެ.