އަންނަ މަހުން ފެށިގެން ރާއްޖެ ހިމެނޭ ގޮތަށް ތައިލެންޑަށް ދާ 19 ގައުމެއްގެ ރައްޔިތުންގެ އަތުން އޮން އެރައިވަލް ވިސާގެ ގޮތުގައި ނަގާ ފީ ބޮޑުކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ތައިލެންޑުގެ ފޮރިން އެފެއާސް މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނީ، 19 ގައުމެއްގެ ރައްޔިތުންގެ އަތުން ނަގާ އޮންއެރަވައިލް ވިސާ ބޮޑުކުރަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހިން ހިމެނޭގޮތަށް ތައިލެންޑަށް ދާ އެހެން ގައުމުތަކުގެ ރައްޔިތުންގެ އަތުން އޮންއެރައިވަލް ވިސާގެ ގޮތުގައި މިހާރު ނަގަނީ 1000 ބާތު ނުވަތަ ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 500 ރުފިޔާ އެވެ.

ނަމަވެސް އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިން އޮން އެރަވައިލް ވިސާގެ ގޮތުގައި ނަގާނީ 2000 ބާތެވެ. އެއީ ދިވެހިންނަށް ނަމަ ގާތްގަނޑަކަށް 1000 ރުފިޔާ އެވެ.

އޮންއެރައިވަލް ވިސާ ފީ ބޮޑުކުރަން ނިންމާފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ އިތުރުން ބޫޓާން، ޗައިނާ، އިންޑިއާ، ސައުދީ އަރަބިއްޔާ، ޓައިވާން، ޔުކްރޭން ގެ އިތުރުން އުޒްބެކިސްތާނާއި ކަޒިކިސްތާން ފަދަ ގައުމުތައް ހިމެނެ އެވެ.

އޮންއެރައިވަލް ވިސާ ބޮޑުކުރަން ނިންމި ނަމަވެސް، ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ވިސާގެ ގޮތުގައި ތައިލެންޑުން ޖަހައިދޭ 15 ދުވަހަށް ބަދަލެއް ގެނެސްފައެއްނުވެ އެވެ. އަދި އޮންއެރައިވަލް ވިސާ ފީ ބޮޑުކުރި ނަމަވެސް ތައިލެންޑުގައި ހުންނަ އެމްބަސީތަކުންނާއި ކޮންސިއުލޭޓްތަކުން ޖައިދޭ ވިސާގެ ފީ ބޮޑެއް ނުވާނެ އެވެ.

އިމިގްރޭޝަން ކައުންޓަރުތައް ކައިރީގައި ހަދާ ކިޔު ކުޑަކުރުމުގެ ބޭނުމުގައި އޮންއެރައިވަލް ވިސާ ފީ ބޮޑުކުރަން ތައިލެންޑުގެ ކެބިނެޓުން ނިންމީ މިދިޔަ ޖެނުވަރީ މަހުގެ ތެރޭގަ އެވެ.