ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ވިހަން ވެއްދި އަންހެނަކު ސިޒޭރިއަން ހެދުމަށް ފަހު ލޭ މަނާނުވެ، މަރުވެގެންދިޔަ މައްސަލާގައި އެއްވެސް ފަރާތެއްގެ އިހްމާލެއްވޭތޯ ބަލައިދިނުމަށް ޑީއާރްޕީގެ އަންހެނުން ގޮފީގެ ރައީސް ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

އަންހެނުންނަށް އަނިޔާކުރުމާއި ލާއިންސާނީ އަމަލްތައް ހިންގުން ރާއްޖޭގައި އިންތިހާއަށް އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ޒެޑް ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ އަންހެނުން ގޮފީގެ ރައީސް ދުންޔާ މައުމޫން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ވިހަން ވެއްދި އެ އަތޮޅު ފުނަދޫ، ބަޝީރީހިޔާ މަރިޔަމް ޝަމީމާ، 36، ސިޒޭރިއަނަށް ފަހު ލޭމަނާ ނުވެ، މަރުވެގެން ދިޔަ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކުން މެޓާނަލް ޑެތު އޮޑިޓް ހަދަމުންދާ ކަމަށާއި ރާއްޖޭގައި އެފަދަ އޮޑިޓްތައްކޮށް އިހްމާލެއްވާ ނަމަ އެކަންތައްތައް ބަލައި ކުރިއަށް ރަގަނޅު ކުރަން ޖެހޭނެ ކަންތައްތައް ބެލުމަށް ގޮވާލައްވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލްތައް ޕްރައިވަޓައިޒް ކުރުމުގެ ސަބަބުން އެފަދަ ވަރަށް ގިނަ މައްސަލަތައް މިހާރަކަށް އައިސް އިތުރުވަމުންދާ ކަމަށާއި ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވަމުންދާ ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތު މިހާރު އޮތް ގޮތުން އަސްލުގައި ހިލޭ ނުވަތަ އަގުހެޔޮކޮށް ކޮންމެހެން ލިބެން ޖެހޭ އަސާސީ ހިދުމަތްތައް އެންމެ ނިކަމެތިންނަށް ނުލިބި، ނުވަތަ އަގުތައް ބޮޑުވަމުންދާތީ އެމީހުންނަށް މި ހިދުމަތްތައް ހޯދުމަށް ދަތިތަކެއް އެބަދިމާވޭ،" ދުންޏާ މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އަންހެނުންނާ މެދު ބޮޑެތި ޖަރީމާތައް އިތުރުވަމުންދާ ކަމަށާއި އެ ގޮތުން އަންހެނުން ރޭޕްކުރުމާއި އަނިޔާކުރުން އިތުރުވެގެންދާތީ އެފަދަ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ގޮވާލެއްވި އެވެ. އަދި ރާއްޖޭގައި އާއްމުވެފައިވާ އިންސާނިއްޔަތާއި ހިލާފު ބޮޑަތި ކުށްތައް ހުއްޓުވައި އެކަން މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް [އެޗްއާރުސީއެމް] އިން ސުނާމީ ބިނާ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ސުލްހަވެރި އެއްވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފައި ވުމުން އެކަމަށް ދުންޔާ މަރުހަބާ ވިދާޅުވި އެވެ. އަދި ޒެޑް ފެކްޝަނުން އެކަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.