އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އާއި ސްޕެއިން ފޯވަޑް ނޮލީޓޯ ކާމިޔާބުކޮށްދިން ލަނޑުތަކުން ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 4-1 ލަނޑުންނެވެ.

އެ މެޗުގެ 27 ވަނަ މިނެޓުގައި ސިޓީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އަގުއެރޯއެވެ. ސިޓީ އަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ސްޓޯކްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިކޮލަސް އޮޓަމެންޑީ އަށް ރަޔަން ޝޯކްރޮސް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަގުއެރޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން ސޮޓޯކުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޝޯކްރޮސް އަށް ރަހީމް ސްޓާލިން ކުރި ފައުލަކާ ގުޅިގެން ސްޓޯކަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޯޖާން ކިރްކިޗެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ސިޓީން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ސިޓީ އަށް އެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ނޮލީޓޯއެވެ. އޭނާ ޖެހި ފުރަތަމަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ.