20 Aug 2016, 20:25
ހަތަރު ސްކޫލެއްގެ ދަރިވަރުން ހުޅުމާލޭގައި 200 ގަސް އިންދައިފި އެވެ.
ޓްރީ މޯލްޑިވްސް އާއި އެޗްޑީސީ އާއި ގުޅިގެން ބޭއްވި އެ ހަރަކާތުގައި ގަސް އިންދާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފޭހުގެ ދަށުން ހިއްކި ބިމުގަ އެވެ. އެ ބިމުގައި މިއަދު އިންދާފައި ވަނީ "ފުނަގަހެވެ."
ސްކޫލުތަކުގެ ދަރިވަރުން ތިމާވެށްޓަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި ހަތަރު ސްކޫލަކުން 50 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެ ހަރަކާތުގައި ބައިވެރިވެފައިވަނީ، އަރަބިއްޔާ ސްކޫލާއި، ގަލޮޅު މަދަރުސާ އާއި ލާލޭ ޔޫތު އިންޓަނޭޝަނަލްގެ އިތުރުން ގާޒީ ސްކޫލެވެ.

މިއަދު ހުޅުމާލޭގައި ޓްރީ މޯލްޑިވްސް އިން ބޭއްވި ގަސް އިންދުމުގެ ހަރަކާތުގައި ސްކޫލެއްގެ ދަރިވަރުންތަކެއް ގަސް އިންދަނީ: އެ ހަރަކާތުގައި ހަތަރު ސްކޫލަކުން 50 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވޭ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ޓްރީ މޯލްޑިވްސް (ޓީއެމް) އަކީ ރާއްޖޭގެ ތިމާވެށްޓަށް ހިދުމަތް ކުރުމަށް ހިންގާ އަމިއްލަ ޖަމިއްޔާ އެކެވެ. ޓްރީ މޯލްޑިވްސް އިން ހުޅުމާލޭގެ ފުރަތަމަ ފޭހުގައި ވެސް ވަނީ ގަސް އިންދާފަ އެވެ.