ސަންޑަލޭންޑްގެ ޑިފެންޑަރު ޔޫނެސް ކާބޫލް އާއި ޔުވެންޓަސްގެ މިޑްފީލްޑަރު ރޮބާޓޯ ޕެރޭރާ ވެޓްފޯޑަށް ސޮއިކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ޑިފެންޑަރު ކާބޫލް ވެޓްފޯޑަށް ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަތަރު މިލިއަން ޕައުންޑަށެވެ. އަދި އުމުރުން 25 އަހަރުގެ ޕެރޭރާ އެ ކްލަބަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 11.2 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ކާބޫލް ބުނީ، ވެޓްފޯޑާ ގުޅުމުން ވަރަށް އުފާކުރާ ކަމަށާއި ސީޒަނުގައި ޓީމާއެކު ކުރިއަށް ދިއުމަށް ތައްޔާރު ކަމަށެވެ. އަދި ވެޓްފޯޑުގައި ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

ޔުވެންޓަސްއާ އެކު ކާމިޔާބު ސީޒަނެއް ހޭދަކުރި ޕެރޭރާ ވަނީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާގައި އާޖެންޓީނާ އަށް ކުޅެ، އެ ޓީމާއެކު ރަނަރަޕް މަގާމު ހޯދައިފައެވެ.