މެންޗެސްޓާ ޔުނައިޓެޑުން މެޗުތަކުން މޮޅުވުމުގެ އާދަ ދަމަހައްޓަން ޖެހޭ ކަމަށް އެ ޓީމުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އިބްރަހިމޮވިޗްގެ ދެ ލަނޑުން ސައުތުހޭމްޓަން އަތުން ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. ކޮމިއުނިޓީ ޝީލްޑްގައި ލެސްޓާ ސިޓީ އަތުން މޮޅުވި މެޗާއި ޕްރިމިއާ ލީގުގައި އޭއެފްސީ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އިބްރަހިމޮވިޗްގެ ލަނޑެއް ފެނިގެންދިޔައެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއެއްގައި އިބްރަހިމޮވިޗް ބުނީ، ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅެއް ލިބުމުން އުފާކުރާ ކަމަށާއި ކޮންމެ މެޗެއްގައި ވެސް ޓީމުގެ ކުޅުން ރަނގަޅުވަމުންދާ ކަމަށެވެ.

"އަހަރެންނަށް އެންމެ ރަނގަޅަށް ކުރެވޭނެ ކަންތައް ކޮށްދޭނަން. ލަނޑު ޖަހަން ފުރުސަތު ހޯދައިދީ، ޓީމުގެ އެހެން ކުޅުންތެރިންނަށް އެހީވެދިނުމަށް ފަހު ގޯލު ޖަހައިދޭނަން. ކުރިއަށް ހުރި މެޗުތަކުން ވެސް މޮޅުވެ، މޮޅުވުމުގެ އާދަ ދަމަހައްޓަން އެބަޖެހޭ،" ސްވިޑަން ތަރި އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ، ތިން ޕޮއިންޓް ލިބުމުން އުފާކުރާ ކަމަށާއި އަލަށް ޓީމާ ގުޅުނު ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވެސް ޓީމަށް ހޭނެން ޖެހޭ ކަމަށެވެ.