ދެވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށްފަހު، ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން ވަރަށް އުފާކުރާ ކަމަށް އެ ކްލަބުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

ޔުވެންޓަސް އިން ރެކޯޑް ޓްރާންސްފާއެއްގައި އަލުން އެނބުރި ޔުނައިޓެޑާ ގުޅުމަށް ފަހު ޕޮގްބާ ކުޅުނު ފުރަތަމަ މެޗުގައި ރޭ ސައުތުހޭމްޓަން އަތުން 2-0 ލަނޑުން ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އެ ޓީމުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދީފައިވަނީ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗެވެ.

"ވަރަށް އުފާވެއްޖެ. އަހަރެންގެ ފުރަތަމަ މެޗުގައި މޮޅެއް ހޯދިއްޖެ. އަހަރެން އެކަމާ މެދު އުފާކުރަން. އަހަރެން އެނބުރި އައިސް މޮޅެއް ހޯދިއްޖެ. ކުރިއަށް ހުރި މެޗުތަކުން ވެސް މޮޅުވެވޭނެ ކަމަށް އުންމީދުކުރަން. އަހަރެންނަށް ކުރެވެން އޮތް ކަމަކީ ކުޅުން ރަނގަޅުކޮށް މެޗުތަކުން މޮޅުވަމުން ދިއުން،"ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުންޏެވެ.

ޕޮގްބާ ބުނީ، މެޗުގައި ބައެއް ފުރުސަތުތައް އޭނާއަށް ނިންމާ ނުލެވުނު ކަމަށާއި އެކަމަކު ވެސް މެޗުގައި އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށެވެ. އަދި މެޗުގެ ފެށުން އެހާ ރަނގަޅަށް ގޮސްފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޭއެފްސީ ބޯންމައުތު އަތުން މޮޅުވެފައިވަނީ 3-1 ލަނޑުންނެވެ.