30 May 2011, 12:57
ވިޔަފާރި ފައިދާ އިން އަންނަ ޖުލައި މަހު ޓެކްސް ނަގަން ފަށާއިރު ދިމާވާނެ އެންމެ ބޮޑު ދައްޗަކީ ވިޔަފާރިތަކުން ޓެކްސްގެ ވެއްޓަށް އަހުލުވެރިވެފައި ނުވުން ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.
ޖުލައި 18 އިން ފެށިގެން ހުރިހާ ވިޔަފާރިތަކުން ވެސް އެ ވިޔަފާރިއެއްގެ ބިނާކުރަނިވި ފައިދާ އަހަރަކު 500،000ރ. އަށް ވުރެ އިތުރުވާ ނަމަ އެ އަދަދުގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭނެ އެވެ. އެ ތާރީހުން ފެށިގެން ޓެކްސް ނަގަން ފަށާއިރު ވިޔަފާރިތަކުން މާދަމާގެ ނިޔަލަށް މީރާގައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
ޓެކްސް ނެގުމުގެ ފުރަތަމަ ފިޔަވަޅު ކަމައްވާ ވިޔަފާރިތަކުގެ ދަފްދަރެއް އެކުލަވާ ލުމުގެ މަސައްކަތާ ގޫޅޭ ގޮތުން މީރާގެ ޑައިރެކްޓަ ޖެނެރަލް، ރެވެނިއު ސާވިސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ މާދަމާގެ ނިޔަލަށް ވިޔަފާރިތައް ރެޖިސްޓާ ކުރުމުގެ މުއްދަތު ހަމަވާއިރު މިހާރު ވެސް 6500 އަށް ވުރެ ގިނަ ވިޔަފާރިތަކުން މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
"މީގެ ކުރިން މިކަހަލަ ދަފްތަރެއް ނެތް. އެހެންވެ މިހާ ގިނަ ފަރާތްތަކުން ރަޖިސްޓްރީ ކުރީމާ ރަނގަޅު ތަރުހީބެއް ކަމަށް މި ބަލަނީ،" ފަތުހުﷲ ވިދާޅުވި އެވެ.
ރަޖިސްޓްރީ ކުރި ވިޔަފާރިތަކުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ވިޔަފާރިތައް ކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި ތަންތަން ކުއްޔަށް ދީގެން ފައިދާ ހޯދާ ފަރާތްތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"ރަޖިސްޓްރީ ކުރުމުގައި އަޅުގަނޑުމެން އެބަ ބަލަން މުނިސިޕަލްޓީގައި އޮންނަ ގެދޮރު ކުއްޔަށް ދޭ ފަރާތްތަކުގެ ދަފްތަރަށް. ދެން ޓްރޭޑް މިނިސްޓްރީގެ ދަފްތަރަށް ވެސް،" ފަތުހުﷲ ވިދާޅުވި އެވެ.
މީރާގައި ރަޖިސްޓްރީ ކުރުމުގެ ސުންގަޑި މާދަމާގެ ނިޔަލަށް ހަމަވާއިރު ފަތުހުﷲ ވިދާޅުވީ އަދި ޓެކްސް ނަގަން ފެށުމުން ދިމާވާނެ މައްސަލަތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ހިސާބުތައް ރަނގަޅަށް ބެލެހެއްޓިފައި ނުހުންނަ މައްސަލައަކީ އެންމެ ބޮޑު އެއް މަސަލަ ކަން ވެސް ފަތުހުﷲ ފާހަގަކުރެއްވި އެވެ.
"ހިސާބުތައް ރަނގަޅަށް ނުބަލަހައްޓާ ވިޔަފާރިތައް ގިނަ. އެހެންވީމާ އެންމެ ބޮޑަށް ދިމާވާނީ ހިސާބުތައް ބެލެހެއްޓިފައިނެތުމުން ދިމާވާ މައްސަލަތައް،" ފަތުހުﷲ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އާލާވަމުން އަންނަ ޓެކްސްގެ އައު ވެއްޓާއި ބީރައްޓެހިކޮށް ގިނަ ފަރާތްތަކަކުން ވިޔަފާރި ކުރާ ކަން ފާހަގަ ކުރެވޭ އިރު މީރާއިން ވަނީ ޓެކްސްގެ ހިސާބުތައް މިރާ އަށް ހުށަހެޅުމުގައި ފަސޭހަކުރުމަށް ދޫތަކެއް ދިނުމަށް ނިންމާފަ އެވެ. އެގޮތުން ޓެކްސްގެ ބަޔާނުގެ ގޮތުގައި އާންމު ކޭޝްފުލޯއެއް ފެންނާނެ ފަދަ ލިޔުމެއް ހުށަހެޅުމުން މިރާ އިން ގަބޫލުކުރާ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.
މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހިސާބު ތައްޔާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތެއްގެ ހިސާބުކުރުމުގެ މުއްދަތު ޖުލައި 18 އިން ޑިސެމްބަރު 31ގެ ތެރޭގައި ނިމޭފަރާތްތަކުން، 18 ޖުލައި އިން ފެށިގެން އެ ފަރާތެއްގެ ހިސާބު ކުރުމުގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް އެ ފަރާތެއްގެ ބިނާ ކުރެވޭ ޓެކްސްގެ އަދަދު އަދުލުވެރި ގޮތަކަށް ލަފާކުރުމަށް ފަހު އެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއް ޖެނުއަރީ 31، 2012 ގެ ކުރިން މީރާ އަށް ދައްކަން ޖެހޭނެ އެވެ. އަދި ވިޔަފާރިކުރާ ވަކި ފަރުދުން ވެސް ލަފާކުރެވޭ ޓެކްސްގެ އަދަދުގެ ދެބައިކުޅަ އެއްބައި ޖުލައި 31ގެ ކުރިން މިރާ އަށް ދައްކަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.