އަނގައިގެ ސިއްހަތާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމާއި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ރާއްޖޭގައި އުފެއްދި ފުރަތަމަ ޖަމިއްޔާ "މޯލްޑިވްސް ޑެންޓަލް އެސޯސިއޭޝަން" އިފްތިތާހުކޮށް އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އެކުލަވާލައިފިއެވެ.

މޯލްޑިވްސް ޑެންޓަލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އެކުލަވައިލުމަށް ރޭ ސޯލްޓް ކެފޭގެ ކޮންފަރެންސް ހޯލްގައި ބޭއްވި، ފުރަތަމަ އާންމު ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފުރަތަމަ ރައީސަކަށް ހޮވާފައި ވަނީ، ރާއްޖޭގެ މަޝްހޫރު ޑެންޑިސްޓް، ޑޮކްޓަރު އަހްމަދު ސަލީމެވެ. ޖަމިއްޔާގެ ނައިބު ރައީސަކަށް ހޮވާފައި ވަނީ، ޑޮކްޓަރު ނާއިފާ އަފީފެވެ.

މީގެ އިތުރުން ޖަމިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީއަކަށް ޑރ. ނުހާ އަބްދުލްގުއްދޫސް ހޮވާފައި ވާއިރު، ޖަމިއްޔާގެ ހަޒާންދާރުގެ މަގާމަަށް ހޮވާފައިވަނީ ޑރ. މުހައްމަދު ޝިޔާނެވެ.

އެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް ދެން ހޮވާފައި ވަނީ، ތިން ބޯޑު މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ޑރ. އާމިނަތު ސަމްރާ މުހައްމަދު، ޑރ. މަރިޔަމް މާހިޔާ އަދި ޑރ. މަރިޔަމް ރަޒާން ރަޝީދެވެ.

މޯލްޑިވްސް ޑެންޓަލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ -- ސަން ފޮޓޯ: އަބްދުﷲ ސަލީމް

މޯލްޑިވެސް ޑެންޓަލް އެސޯސިއޭޝަންގެ އިދާރާއަކީ، ގ. ކުދި ތިޔަރަގެއެވެ.

ޖަމިއްޔާގެ ރައީސް ޑރ. ސަލީމް ވިދާޅުވީ، ރާއްޖޭގެ ސީނިއަރ ގިނަ ޑެންޑިސްޓުންތަކަކާއި އެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ގުޅިގެން،މޯލްޑިވްސް ޑެންޓަލް އެސޯސިއޭޝަންއުފެއްދީ ވަރަށް މުހިއްމު ލަނޑުދަނޑިތަކެއް ހާސިލްކުރުމަށްޓަކައި ކަމަށެވެ.

"ދިވެހި ޑެންޓިސްޓުންގެ ކުރިއެރުމަށް މަސައްކަތްކުރުން. މިސާލަކަށް އެޑިއުކޭޝަނަލް ޕްރޮގްރާމްސް، ސީއީ ޕްރޮގްރާމްސް، ސީއެމްއީ ޕްރޮގްރާމްސް، ކޮންޓިނިއުއިން އެޑިއުކޭޝަން ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން ކުރާނޭ ކަންތައްތައް،" ޑެންޓަލް އެސޯސިއޭޝަންގެ ފުރަތަމަ ރައީސް ޑރ. ސަލީމް ވިދާޅުވިއެވެ.

މޯލްޑިވްސް ޑެންޓަލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް ނެގި ވޯޓް ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ،-- ސަން ފޮޓޯ: އަބްދުﷲ ސަލީމް

ޑރ. ސަލީމް ވިދާޅުވީ، ރާއްޖޭގައި ބޭރުގައުމުތަކުގެ ގިނަ އަދަދެއްގެ ޑެންޓިސްޓުންވެސް ހަރަކާތްތެރިވާއިރު، "އެފަރާތްތައްވެސް އޮންބޯޑް ކޮށްގެން އެންމެ އެކީގަ އެއް ޕްލެޓްފޯމެއްގައި، މިކުރާ ޕްރެކްޓިސް ވަކި ހަމައެއްގައި ހިފެހެއްޓުމާއިީ އެތިކަލް ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް އެންމެނަށް އެޑްވޮކޭޓްކޮށްދިނުން" އެއީ ޖަމިއްޔާގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށެވެ. މީގެ އިތުރުން އާންމުން ހޭލުތެރިކުރުވުން ވެސް އެއީ މުހިއްމު މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އާންމު ރައްޔިތުންންނަށް އަގައާއި އަނގައިގެ ތެރޭގެ ސާފުތާހިރުކަމަކީ ކިހާ މުހިއްމު ކަމެއް ކަމާއި އެކަންކަން ކުރުމަށް ބާރުއެޅުމަށް ބައެއް ކޭމްޕުތައް ބޭއްވުމާއި، އެވެއަނެސް ޕްރޮގްރާމްސްތައް ހިންގުމާއި، ސްކޫލްތަކަށް ޒިޔާރަތްކޮށް ބެލެނިވެރީންނާ ވާހަކަދައްކައި އާންމުން ހޭލުތެރިކުރުވުން އެއީ ޖަމިއްޔާގެ މަގުސަދުތައް،" ސަލީމް ވިދާޅުވިއެވެ.

މޯލްޑިވްސް ޑެންޓަލް އެސޯސިއޭޝަންގެ ފުރަތަމަ އާންމު ބައްދަލުވުމުގެ ތެރޭން-- ސަން ފޮޓޯ: އަބްދުﷲ ސަލީމް

އަނގައިގެ ތަފާތު ބަލިތަކާއި އަނގައިގެ ކެންސަރު އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ ސަރަހައްދަކީ ދެކުނު އޭޝިޔާ ކަމަށްވާއިރު، ރާއްޖެއަކީ މި ސަރަހައްދުގައި ވެސް މިފަދަ ބަލިތައް ނިސްބަތުން އެންމެ ގިނަ ގައުމުގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ ޖަމިއްޔާއެއް އުފައްދައި ފުރިހަމައަށް މަސައްކަތްކުރަން ފެށުމަކީ، ސިއްހީދާއިރާއިން ކުރިއަށް ދިއުމަށް ރާއްޖެ ކުރަމުންދާ ތަދުރަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނޭކަމަށް މި ދާއިރާގެ ތަޖްރިބާކާރުން ގަބޫލުކުރައްވައެވެ.