ކެރަމްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ކުޅުންތެރިޔަކު އިންޑިއާގެ ކުޅުންތެރިއެއް ބަލިކޮށްފިއެވެ.

ކެރަމް ހޯލްގައި މިއަދު ފެށުނު ޓެސްޓް ސީރީސްގައި ރާއްޖޭގެ އައިޝަތު ފައިނާޒް ވަނީ އިންޑިއާގެ ޓޫބާ ސެހެރް އަތުން މޮޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ޓެސްޓް ސީރީސް މެޗުތަކުގެ ތެރެއިން: އެ މެޗުތައް މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ --- ފޮޓޯ: ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ޓެސްޓް ސީރީސް މެޗުތަކުގެ ތެރެއިން ފައިނާޒް އާއި ޓޫބާ ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ ސެޓު 25-24 އިން ފައިނާޒް ގެންދިޔަ އިރު ދެވަނަ ސެޓު ފަސޭހަކަމާއެކު 25-7 އިން ގެންގޮސް، ސީދާ ދެ ސެޓުން އެ މެޗު ފައިނާޒް ކާމިޔާބުކުރިއެވެ.

ޓޫބާ ސެހެރް އަކީ އިންޑިއާ ގައުމީ ކެރަމް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ އައިސީއެފް ކަޕްގެ ރަނަރަޕްކަން ވެސް ހޯދައިފައެވެ.

ޓޫބާ އަތުން ފައިނާޒް މޮޅުވި ނަމަވެސް، މިއަދު ރާއްޖޭގެ އަންހެން ސީނިއާ ޓީމު ކުޅުނު އަނެއް ދެ މެޗުގައި އިންޑިއާ އަތުން ވަނީ ބަލިވެފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ޓެސްޓް ސީރީސް މެޗުތަކުގެ ތެރެއިން: އެ މެޗުތައް މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ --- ފޮޓޯ: ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިއަދު ވަނީ ރާއްޖެ އާއި އިންޑިއާގެ ޖޫނިއާ ޓީމާ ދެމެދު ވެސް މެޗުތަކެއް ކުޅެފައެވެ. ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 2-1 ސެޓުން ބަލިވި އިރު، ޖޫނިއާ އަންހެން ޓީމު އިންޑިއާ އަތުން ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

މިއަދު މެންދުރު ފަހާއި، ހަވީރު އަދި ރޭގަނޑު ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މެންދުރު ފަހާއި ހަވީރު ޖޫނިއާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ސީނިއާ މެޗުތަކެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ޓެސްޓް ސީރީސް މެޗުތަކުގެ ތެރެއިން: އެ މެޗުތައް މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ --- ފޮޓޯ: ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ބުނީ، މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޓެސްޓް ސީރީސްގެ މަގްސަދަކީ މި އަހަރު އިނގިރޭސިވިލާތުގައި ބާއްވާ ހަތް ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުކުރުން ކަމަށެވެ.

ރާއްޖޭގެ ކެރަމް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ބޭއްވި އައިސީއެފް ކަޕުގެ ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ވަނީ ލޯ މެޑެއްޔެއް ހޯދައިފައެވެ.