މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޑޭވިޑް ބާސްކެޓްބޯލް ކްލަބު ބަލިކުރުމަށްފަހު، ޔޫތު ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ. އޭގެ އިތުރުން ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަންސް މެނޭޖަރު މުހައްމަދު ފާހިރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޑޭވިޑް ބީސީ އާއި ޔޫތު އެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫތު އެސްސީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރޭ ކުޅުނު ފައިނަލް މެޗުގައި ޑޭވިޑް ބީސީގެ މައްޗަށް ޔޫތު އެސްސީ ކުރި ހޯދާފައިވަނީ 29-25 ޕޮއިންޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޔޫތު އެސްސީ އަށް 21 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާ އެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަނުގައި، ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކަށް ހޮވުނީ ޔޫތު އެސްސީ އަށް 64 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާ އެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ޑޭވިޑް ބީސީގެ ޝިޒްނާ ރަޝީދު ހޮވުނު އިރު، އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ ޔޫތު އެސްސީގެ ފާތިމަތު ރީމާ އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޑޭވިޑް ބީސީ އާއި ޔޫތު އެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫތު އެސްސީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ޑޭވިޑް ބީސީގެ އައިމިނަތު ޝިއުރާ ހޮވުނު އިރު، މުބާރާތުގެ އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ ޔޫތު ފާތިމަތު ރިޝްމާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޔޫތު އެސްސީގެ ކޯޗު އިލިޔާސް އިބްރާހީމެވެ.