20 Aug 2016, 13:02
ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާއި އަލްކައުން ގުޅިގެން މިދިޔަ ރަމަޟާން މަހު ކުރިއަށްގެންގޮސްފައިވާ މަދަހަ މުބާރާތް "ރަންއަޑު 1437"ގެ ޓައިޓްލް ފާތިމަތި ރަޒާ އަސްލަމް ކާމިޔާބުކޮށްފި އެވެ.
ރަޒާ އެ މުބާރާތުގެ ޓައިޓްލް ކާމިޔާބުކޮށްފައި ވަނީ އެ މުބާރާތުގައި ބައިވެރިވި 250 ބައިވެރިންނާ ވާދަކޮށްގެންނެވެ. އެ މުބާރާތް ބާއްވާފައި ވަނީ ފަސް އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރުންދަށް، ނުވަ އަހަރުންދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 16 އަހަރުން މައްޗެެވެ. އަދި އެ މުބާރާތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ބަޔަކާއި ގްރޫޕް މަދަހަ ހުށަހެޅުމަށް ހާއްސަ ބައެއްވެސް ހިމަނާފައިވެ އެވެ.
އެ މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިންފޮމޭޝަން ކޮމިޝަނާ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. އެ ރަސްމިއްޔާތުގައި އަލްކައުންގެ އިސްވެރިންވެސް ބައިވެރިވެފައިވެ އެވެ.
އެންސީއޭ އާއި އަލްކައުން ގުޅިގެން ބޭއްވި މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އަލްކައުން
އެ މުބާރާތުގެ ވަނަތަކަށް ހޮވުނު ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބްދުލް ޤައްޔޫމް ވަނީ ހާއްސަ އިނާމެއް ވެސް ދެއްވާފަ އެވެ. އޭގެ އިތުރުން ކުލިކް ކޮމްޕިއުޓާސް އާއި އަލްކައުންގެ ފަރާތުން ވެސް ވަނީ އިނާމް ދެއްވާފަ އެވެ.
އެންސީއޭ އާއި އަލްކައުން ގުޅިގެން ބޭއްވި ރަންއަޑު 1437 އަދި ރަންއަޑު 1436 މަދަހަ މުބާރާތުގެ ޓައިޓްލް އަށް ހޮވިފައިވާ ދެ ފަރާތަށް އެންސީއޭގެ ފަރާތުން މަދަހަ އަލްބަމެއް ހަދައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އަލްކައުނުން މައުލޫމާތު ދެ އެވެ.