ސަރުކާރުން ފައިސާ ދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަންކުރާ އެމްޑީޕީ އަށް ގެންދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ އަށް ގޮތެއް ނިންމުމަށް އިތުރު މައުލޫމާތު ބޭނުންވާ ކަމަށް އޭސީސީން މިއަދު ބުނެފި އެވެ.

އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސަރުކާރުން ފައިސާ ދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަންކުރާ އެމްޑީޕީ އަށް ގެންދާ ކަމަށް އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ މައްސަލައާ މެދު މިދިޔަ ހަފްތާގައި ގޮތެއްނިންމަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމަށް އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ.

"އެކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަމުން އަޅުގަނޑުމެން މި ގެންދަނީ. އެ މައްސަލަ ކުރިއަށް ގެންދިއުމާއި ނުވަތަ ނުގެންދިއުމާ މެދު ގޮތެއް ނިންމުމަށް އަޅުގަނޑުމެންނަށް އިތުރު މައުލޫމާތު ބޭނުންވޭ،" މުވައްވިޒު ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެއީ ކޮން މައުލޫމާތުތަކެއް ކަން ވިދާޅުވެވެން ނެތް ކަމަށެވެ.

ޑީއާރުޕީގެ ކުރީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، ސަރުކާރުން ފައިސާ ދީގެން އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރުންތަކެއް ވެރިކަންކުރާ ޕާޓީ، އެމްޑީޕީ އަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މި މަހު ކުރީކޮޅު އޭސިސީ އަށް ހުށަހަޅާފައި ވަނީ ޑީއާރުޕީގެ ޒައީމު މައުމޫނަށް ނިސްބަތްވާ ޒެޑް-ޑީއާރްޕީންނެވެ.

ޒެޑް- ފެކްޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު އެންޓި ކޮރޮޕްޝަން ކޮމިޝަން، އޭސީސީއަސް ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ބުނެފައި ވަނީ، "ފައިސާ ދީގެން އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ގެންދިއުމަކީ ކޮރަޕްޝަނުގެ އަމަލަށް ނޫނީ ނުވާނެ" ކަމަށެވެ. އަދި ފައިސާ އާއި މަގާމް އަދި ރިސޯޓް، ފަޅު ރަށް ފަދަ މުދާ، ހަދިޔާގެ ގޮތުގައި ދީގެން ޕާޓީ ބަދަލުކުރާ ކުރުން އެއީ ހުއްދަ ކަމެއް ކަމުގައި ނުވަތަ ރީތި ކަމެއް ކަމުގައި ބެލެވޭ ހިސާބަށް ކޮރަޕްޝަންގެ އެ އަމަލު ގޮސްފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.