ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން 15069 އެމެރިކާ ޑޮލަރުގެ އަގަށްވާ ޓިކެޓް ވިކްޓަރީ ސްޕޯޓްސް ކްލަބުން ނެގުމަށް ފަހު އޭގެ ފައިސާ ނުދައްކާ ކަމަށް ބުނެ ކުރި ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސަންލޭންޑުން ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދައުވާކުރީ އެ ކުންފުނިން ނެގި ޓިކެޓުގެ އަގަށްވާ ފައިސާ ހޯދުމަށް ދެ ފަހަރެއްގެ މަތިން އިންވޮއިސް ފޮނުވައިގެން ވެސް ފައިސާ ނުލިބޭތީ އެފައިސާ ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.

އެމަައްސަލަ ނިންމައި މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އާންމު ގޮތެއްގައި އެއްފަރާތުން އަނެއް ފަރާތަށް ފޮނުވާ އިންވޮއިސްތަކުގައި ރިކުއެސްޓް ނަމްބަރާއި ޕާޗޭސް އޯޑަރު ޖަހާފައި ހުންނާނެ ކަމަށާއި ނަމަވެސް ސަންލޭންޑުން ވިކްޓަރީ ސްޕޯޓްސްއަށް ފޮނުވި ކަމަށް ބުނާ ދެ އިންވޮއިސްގައިވެސް އެއިން އެއްވެސް ނަމްބަރެއް ނެތް ކަމަށެވެ.

އެ ދެ އިންވޮއިސް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބިފައި ނުވާ ކަމަށް އެކްލަބުން ބުނެފައިވާ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ. އަދި ސަންލޭންޑުން ކްރެޑިޓަށް ޓިކެޓް ގަނެފައި ނުވާނެ ކަމަށްވެސް ވިކްޓަރީން ވަނީ ކޯޓުގައި ބުނެފައެވެ.

ހުކުމުގައި ބުނެފައިވާ ވަސީލަތްތައް ލިބިފައިވާ މީހަކަށް އިންވޮއިސް އުފެއްދުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އެހެންކަމުން ހުށަހަޅާފައިވާ އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށް މުދަލާ ހިދުމަތުގެ އަގު ނަގައި ނުދެވޭނެ ކަަމަށް ހުކުމުގައިވެއެވެ. އިންވޮއިސްގެ އިތުރުން ކިތާބީ އަދި ޝަފަވީ ހެއްކެއްވެސް ހުށަހަޅާފައި ނުވާ ކަމަށް ކޯޓު ހުކުމުގައި ވަނީ ބުނެފައެވެ.

އޭގެއިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އެކައުންޓުން ސަންލޭންޑަށް 2011 ވަނަ އަހަރު ދޫކޮށްފައިވާ ޗެކަކީ އިންވޮއިސްއަށް ފައިސާ ދެއްކުމަށް ދޫކުރި ޗެކެއްކަން ދައުވާކުރި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފައެެވެ.

އެހުރިހާ ކަމަކަށް ބަލާއިރު ސަންލޭންޑުން 15069 އެމެރިކާ ޑޮލަރު ހޯދަން ވިކްޓްރީގެ މައްޗަށް ކުރި ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.