އާލިއާ ބަޓް ހޯދަމުން އަންނަ ކުރިއެރުމާއި ކާމިޔާބާ މެދު ފަހުރުވެރިވާ ކަމަށް އޭނާގެ ބައްޕަ އަދި ކާމިޔާބު ޑައިރެކްޓަރު މަހޭޝް ބަޓް ބުނެފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބަޓް ބުނީ، އާލިއާގެ ފުރަތަމަ ފިލްމާ އަޅައިބަލާއިރު، މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން ބޮލީވުޑަށް ނުކުތް އާލިއާ ވަނީ މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ހައި ވޭ"، "2 ސްޓޭޓްސް"، "އުޅްތާ ޕަންޖާބް"، "ކަޕޫރް އެންޑް ސަންސް" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން ފްލޮޕްވީ "ޝާންދާރް" އެކަންޏެވެ.

"އެކްޓަރެއްގެ ގޮތުން އާލިއާ މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ. އުޅްތާ ޕަންޖާބްގައި އޭނާ ކުޅެފައިވާ ރޯލުން އަހަރެން ވެސް ހައިރާންވި. އަހަންނަކަށް ނޭނގެ އެފަދަ ހުނަރެއް އާލިއާ އަށް ލިބުނީ ކިހިނެތް ކަމެއް ވެސް،" އާލިއާ އާމެދު ފަހުރުވެރިވާ ކަން ހާމަކުރަމުން މަހޭޝް ބަޓް ބުނެފައިވެއެވެ.

ަމަހޭޝް ބުނީ މިހާތަނަށް އާލިއާ އަށް ބޮޑެތި ކާމިޔާބު ތަކެއް ލިބިފައި ވީނަމަވެސް، ނާކާމިޔާބީގެ ހިތި ރަހަ ވެސް އާލިއާއަށް އެނގެން ޖެހޭނެ ކަމަށެވެ.

ދީޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްރާ ފަދައިން ހޮލީވުޑަށް ނުކުތުމުގެ ވިސްނުމެއް އާލިއާ ގެންގުޅޭތޯ ސުވާލު ކުރުމުން މަހޭޝް ބުނީ، އާލިއާ ހޮލީވުޑަށް ނުކުންނަން ބޭނުން ނަމަ ބައްޕައެއްގެ ފަރާތުން ލިބެން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

"އާލިއާ މިހާރު އެ ހުރީ އަމިއްލަ އަށް ޒިންމާ ނަގާވަރު ވެފައި. އާލިއާގެ ހަޔާތުގެ އޮޑީގެ މާލިމީ އަކީ އޭނާ،" މަހޭޝް ބަޓް ބުންޏެވެ.