20 Aug 2016, 10:50
ހދ. ހަނިމާދޫގައި މިފަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް އެރަށު ރައްޔިތުންގެ ބަޖެޓުން ހަރަދުކުރަން ފާސްކުރި 875000 ރުފިޔާ، ވަކި އެއްޗެއް އަންގަންދެން ހަރަދު ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކައުންސިލަށް އަންގައިފިއެވެ.
ހަނިމާދޫ ކައުންސިލް މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ، އޭސީސީން ވަކި އެއްޗެއް އަންގަންދެން އެ ކައުންސިލުން ފާސްކޮށްފައިވާގޮތަށް އެ ފައިސާ ބޭނުން ނުކުރުމަށް އަންގާފައިވާ ކަމަށެވެ.
އެ ބަޖެޓު ހަރަދު ކުރުމަށް ކައުންސިލްގެ ބައެއް މެމްބަރުންވެސް ނޭދޭއިރު އެހާބޮޑު އަދަދެއް ހަރަދުކުރަނީ ކޮން އުސޫލަކުންކަންވެސް އަދި ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނިމާދޫގެ އަމިއްލަ ކްލަބަކުން އިންތިޒާމްކޮށްގެން އީދު ފާހަގަ ކުރުމަށް ބާއްވާ ކުޅިވަރުތަކަށް ރައްޔިތުންގެ ބަޖެޓުން އަށް ލަށްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ނިންމުމުން އެމައްސަލަ އޭސީސީއަށް މިދިޔަ ހަފްތާގައި ހުށަހަޅާފައިވަނީ އެރަށު އަމިއްލަ ފަރާތްތަކުންނެވެ.
އެފަރާތްތަކުން ބުނެފައިވަނީ ފަސް ދުވަހު ކުޅިވަރު ކުޅުމަށް އެހާބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ.