ޒަރީން ޚާން އަކީ ފަލަ ކަމަށް ބުނެ އެންމެ ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެކްޓަރުންގެ ތެރެއިން އެކަކެވެ. ފަލަ ބަލީގެ ޝިކާރައަކަށްވި ޒަރީން ވަނީ ބަރުދަން ލުއި ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެ ވާހަކަތައް މީޑިއާ އާ ހިއްސާ ކުރުމަކީ ވެސް އޭނާއަށް މައްސަލައެއް ނޫނެވެ.

ޒަރީން ބޮލީވުޑަށް ނުކުތް ފަހުން މިހާރު ހަ ވަރަކަށް އަހަރުވެފައި ވާއިރު، ބޮލީވުޑަށް ނުކުތުމަށް އޭނާ ކުރަން ޖެހުނު މަސައްކަތް ވަރަށް ގިނައެވެ. އަދި ފުރަތަމަ ފެނިލުމަށް ފަހު ވެސް އޭނާ އަކީ މީހުން ބަލައިގަންނަ މީހަކަށް ވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ހަފިންގޓަން ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ޒަރީން މިވަނީ ބޮލީވުޑަށް ނުކުތުމަށް އަދި އެއަށްފަހު ވެސް އޭނާއަށް ދިމާވި ގޮންޖެހުން ތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.

ޒަރީން ބޮލީވުޑަށް ތައާރަފުވީ 2010 ވަނަ އަހަރު ނުކުތް ފިލްމު "ވީރް" އިންނެވެ. އެ ފިލްމުން އޭނާއަށް ފުރުސަތު ލިބުނީ 50 ކިލޯ ލުއިކޮށްގެން ކަމަށް ޒަރީން ބުންޏެވެ. ޒަރީން ބުނީ އެވަރުންވެސް އޭނާ އަކީ ފަލަ މީހެއްގެ ގޮތުގައި ލޭބަލް ވެގެން ދިޔަ ކަމަށާއި "ފަލަވުމުގެ ސަބަބުން" ކަމަށް ބުނެ ގިނަ ރޯލުތަކެއް ގެއްލިގެން ދިޔަ ކަމަށެވެ.

ޒަރީންގެ ފުރަތަމަ ފިލްމު "ވީރް" ގެ މަންޒަރެއް ---

"މީޑިއާ އިން ވަނީ އަހަރެންގެ ބަރުދަނާ ގުޅުވައިގެން ތަފާތު ގޮތްގޮތަށް ވާހަކަތައް ލިޔެފައި. އަހަންނަށް ގަބޫލު ކުރަން ވެސް ދަތިވި. އެފަދަ ލިޔުންތަކުގެ ސަބަބުން ޑައިރެކްޓަރުންނާ ޕްރޮޑިއުސަރުން އަހަންނަށް ރޯލުތައް ދޭން އިންކާރު ކުރި. އަހަރެންގެ ބަރުދަން ބަދަލުވެގެން ދިޔައީ ގައުމީ މައްސަލަ އަކަށް،" ޒަރީން ބުންޏެވެ.

ޒަރީން ބުނީ ވަކި ރޯލެއް ކުޅުމަށް އެކްޓަރުން ބަރުދަން އިތުރު ކުރުމުން އެކަމަށް ބޮޑު ތަރުހީބެއް ލިބޭ އިރު، އޭނާގެ ބަރުދަނާ ގުޅުވައިގެން މަލާމާތް ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

"މިހާރު އެނގިއްޖެ ކިތަންމެ ރަނގަޅު ވިޔަސް އެއީ އެއްވެސް އެއްޗެއް ނޫންކަން. ހުރިހާ ވެސް އެއްޗަކީ ސިފަ. ސިފަ ރީތި ވެފަ ހަށިގަނޑުގެ ބައްޓަން ރީތި ނޫން ނަމަ ތިމާޔާ އެއްވެސް މީހަކު ގުޅުން ބާއްވާކަށް ބޭނުމެއް ނުވޭ. މިއީ ހިތާމަ ހުރި ކަމެއް. އެކަމަކު މިއީ ހަގީގަތް. ފަލަވުމަކީ ހުތުރުވުން ކަމަށް މީހުން ދެކެނީ،" ޒަރީން ބުނެފައިވެއެވެ.

ޒަރީން ސްކޫލު ދުވަސްވަރު ނަގާފައިވާ ދެ ފޮޓޯ: ކުރިން ޒަރީންގެ ބަރުދަން 100 ކިލޯ އަށް ވުރެ މަތި ---

ޒަރީން ބުނީ ބޮލީވުޑަށް ވަނުމުގެ ގަސްތުގައި ނަމަވެސް ބަރުދަން ލުއި ކުރެވުނީތީ އުފާވާ ކަމަށެވެ. ބަރުދަން ލުއިވުމުން، ހަށިގަނޑަށް ލުއިކަން އިހުސާސްވޭ މީހާ އަށް އުފާވެރިކަން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ބަރުދަން ލުއި ކުރުމަށް ކުރި މަސައްކަތަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން ލިބުނުކަން ޒަރީން ވަނީ ހިތާމައާ އެކު ފާހަގަކޮށްފައެވެ.

"އަހަންނަށް ފާޑު ފާޑުގެ ނަމުން ގޮވައި ހެދި. އަހަރެން ހުރީ ވަރަށް ބޮޑަށް ގޮތް ހުސްވެފައި. ވަނީ ކީއް ކަމެއް ވެސް ނޭނގުނު. 100 ކިލޯ އަށް ވުރެ ބަރުދަން މަތީގައި ހުރި އިރު ނުކިޔާ ވަރަށް އެއްޗެހި ކިޔައި މަލާމާތް ކުރި،" ޒަރީން ބުންޏެވެ.

ޒަރީން ބުނީ އޭނާ އަކީ ފަލަ މީހެއް ނޫން ކަމަށް މީހުން ގަބޫލު ކުރީ ސަލްމާން ޚާންގެ ފިލްމު "ރެޑީ" އަށް ކުޅެދިން އައިޓަމް ލަވަ އަށް ފަހު ކަމަށެވެ. އަދި އޭނާ އަށް ކުރަމުން އައި މަލާމާތް ހުއްޓުނީ "ހޭޓް ސްޓޯރީ 3" އަށް ފަހު ކަމަށް ވެސް ޒަރީން ބުންޏެވެ.

"ހޭޓް ސްޓޯރީ 3" ގައި ޒަރީން: އޭނާ އަށް ކުރި މަލާމާތް ހުއްޓުމަކަށް އައީ އެ ފިލްމަށް ފަހުގައި ކަމަށް ޒަރީން ބުނޭ ---

ޒަރީންގެ އިންޓަވިއުގައި އޭނާ ވަނީ މިހާރުގެ ޒުވާން އަންހެން ކުދިންނަށް ވަރަށް ހާއްސަ މެސެޖެއް ވެސް ދީފައެވެ.

"ހުރިހާ އެންމެންނަށް ތިމާ ކަމަކު ނުދާނެ. އެއީ މައްސަލަ އެއް ނޫން. ބަރުދަން ލުއި ކުރަން ވާނީ ތިމާއަށް އެކަމުން އުފަލެއް ލިބޭ ނަމަ. މީހަކު ބުނީތީ ނޫނީ މީހެއްގެ މަލާމާތުގެ ސަބަބުންނެއް ނޫން. އެއްވެސް މީހަކަށް ތިމާގެ މައްޗަށް ބާރު ފޯރުވުމުގެ ފުރުސަތު ދީގެން ނުވާނެ،" ޒަރީން ބުނެފައިވެ އެވެ.

ޒަރީން ދެން އެންމެ އަވަހަށް ފެނިގެން ދާނީ "އަކްސަރު 2" އަދި "ޑިވައިން ލަވަރސް" އިންނެވެ.