20 Aug 2016, 10:19
އިންޑިއާގެ "އިންޑިގޯ" އެއާލައިނުގައި މަސައްކަތްކުރާ ތިން ޕައިލެޓަކު ފްލައިޓް ވައިގެތެރޭގައި ދަތުރު ކުރަނިކޮށް، ސެލްފީއެއް ނެގުމުގެ ސަބަބުން ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އެ ތިން ޕައިލެޓުން ސެލްފީ ނެގީ މީގެ އަހަރެއްހާ ދުވަސް ކުރިން ނަމަވެސް، އެކަން އެނގުނީ މިހާރު ކަމަށާއި، އޭގެ ސަބަބުން އަދަބެއްގެ ގޮތުން އެމީހުންނަށް އެކަމުގެ ނުރައްކާތެރިކަން އަންގައި އިންޒާރު ދިނުމަށްފަހު ހަފްތާއަކަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަނުން ބުނެފައި ވަނީ އެފަދަ ކަންކަމަކީ ފްލައިޓް ވައިގެތެރޭގައި ދަތުރުކުރާ އިރު ކޮކްޕިޓް ތެރޭގައި ހިނގައިގެން ވާނެ ކަންކަން ނޫން ކަމަށާއި އެފަދަ ކަމެއްގެ ސަބަބުން ޕައިލެޓުންނާއި ފަސިންޖަރުންގެ ދިރިއުޅުމަށް ނުރައްކާ އޮތް ކަމަށެވެ.
"މިއީ މިގޮތަށް ހިނގި ފުރަތަމަ ކަމެއް ނޫން. ފޭސްބުން އަދި އެހެނިހެން ސޯޝަލްމީޑިއާ ޕްރޮފައިލްތަކުން ވެސް އިނގޭނެ ޕައިލެޓުން ފްލައިޓް ދުއްވާއިރު މިފަދަ ވަރަށް ގިނަ ކަންކަން ހިންގާ،" އިންޑިގޯ ގެ އޮފިޝަލަކު ބުނެފައިވެ އެވެ.
އެމެރިކާގެ އެއާސޭފްޓީއާ ބެހޭ އިދާރާއެއް ކަމަށްވާ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވެސް ވަނީ އެއާލައިންތަކުގައި ދަތުރު ކުރަމުންދާ އިރު ޕައިލެޓުން އަދި ކްރޫން ކޮކްޕިޓް ތެރޭގައި އެމީހުންގެ އަމިއްލަ ޑިވައިސްތައް ބޭނުންކުރާތީ ވަޒީފާ އިން ވެސް ވަކިކޮށްފައެވެ.