20 Aug 2016, 10:06
ޑާކާ(އޮގަސްޓް 20): ބަނގުލަދޭޝްގެ ޓީވީ ޑްރާމާއަކާ ބެހޭ ގޮތުން އެގައުމުގެ ހަބިޖަންގު ޑިސްޓްރިކްޓުގެ ކެފޭއެއްގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކުގައި އެތައް 100 ބަޔަކަށް އަނިޔާވެއްޖެއެވެ.
ނުބައި ރާނީއެއްގެ ފަރާތުން އިންސާނުން ސަލާމަތްކޮށްދޭ އަމިރާއެއް ފެނިގެންދާ ޑްރާމާއެއް ކަމަށްވާ، ކިރަންމާލާ ބަލަން ގިނަ ބަޔަކު އެއްވެފައި ތިބި ކެފޭއެއްގައި ހަމަނުޖެހުންތައް ފެށުނީ ޑްރާމާގައި ވާގޮތާ ބެހޭ ގޮތުން ދެމީހެއްގެ މެދުގައި ދެބަސްވުން އުފެދުނު ހިސާބުންނެވެ.

ބަނގުލަދޭޝްގައި އެންމެ މަގުބޫލު އެއް ޑްރާމާ ކަމަށްވާ ކިރަންމާލާގެ މަންޒަރެއް -- ފޮޓޯ: ޕީއާރު
"ޑްރާމާގެ އެޕިސޯޑަކާ ބެހޭ ގޮތުން ދެމީހެއްގެ މެދުގައި ފެށުނު ދެބަސްވުން ތަޅާފޮޅުމަށް ބަދަލުވީ. އެތައް ސަތޭކަ ބަޔަކު ދިޔައީ ދަނޑިންނާއި ވަޅިން އެކަކު އަނެކަކަށް ހަމަލާ ދެމުން،" ފުލުހުންގެ ޗީފް، ޔަސީނުލް ހައްގު ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނާ ޖެހެން ދެން ކުރިއަށް ދިޔަ ހަމަނުޖެހުންތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފައެވެ.
އަދި ހަމަނުޖެހުންތަކުގައި ސީރިއަސް އަނިޔާތައް ލިބުމުގެ ސަބަބުން 15 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.
ކިރަންމާލާ އަކީ އިންޑިއާގައި އުފައްދާ ޑްރާމާއެއް ނަމަވެސް، އެއީ ބަނގުލަދޭޝްގައި އެންމެ މަގުބޫލު އެއް ޑުރާމާއެވެ. އަދި އެ ޑްރާމާގައި ބަތަލާ ލާފައި ހުރި ހެދުމާ އެއްގޮތް ހެދުމެއް ނުލިބުމުގެ ސަބަބުން، މިދިޔަ އަހަރު ދެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވި ކަމަށްވެސް އެގައުމުގެ މީޑިއާތަކުން ބުނެފައިވެއެވެ. (ބީބީސީ)