ލަންކާގެ ކުންފުންޏަކަށް ދައްކަން ޖެހޭ 900،000 ޑޮލަރު މޯލްޑިވިސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އިން ދައްކާފައިނުވާ ކަމަށް ބުނެ އެމްއެންއެސްއެލްގެ ބޯޓު ކޮލޮމްބޯ ބަނދަރުގައި ހިފަހައްޓައިފައި އޮންނަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވާއިރު، ބޭންކު ގެރެންޓީއެއް ބަހައްޓައިގެން ބޯޓު މިނިވަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންއެސްއެލްގެ ޗެއާމަން ސެންކޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު ވިދާޅުވީ، ބޭންކު ގެރެންޓީ ބަހައްޓައިގެން "މޯލްޑިވް ސްޓާ" ބޯޓު މިނިވަންކުރުމުގެ މަރުހަލާ މިހާރު ފަށާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ލަންކާގައި ލޯޔަރެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެމްއެންއެސްއެލްގެ ލޯޔަރާއި ފައިސާ ހޯދަން ދައުވާކުރާ ލަންކާގެ މޯލް ޝިޕް ކިޔާ ކުންފުނީގެ ލޯޔަރާ ދެމެދު އެކަމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމީހުން އެ ކްލެއިމް ]ދައުވާކުރަނީ[ 933،000 ޑޮލަރަށް. ދެން އޭގެ ތެރެއިން އެމީހުން ބުނާނެތާ ލޯޔަރުގެ ފީއާއި އަނެކެއްޗަކާ މީއްޗަކާ. އެހެންވީމަ އެމީހުން ބުނަނީ އެއް މިލިއަން ޑޮލަރު ނޫނީ އެއް 1.2 މިލިއަން ޑޮލަރުގެ ބޭންކު ގެރެންޓީ ބަހައްޓާށޭ ވިއްޔާ. އެ ބޭންކް ގެރެންޓީ އަޅުގަނޑުމެން ބަހައްޓާނަން. ]ބޭންކު ގެރެންޓީ[ ބެހެއްޓީމަ، އެއްވެސް ގޮތެއް ނޯންނާނެ އެ ބޯޓު އިތުރަށް ހިފެހެއްޓޭނެ. ބޯޓު ދޫކޮށްލަން ޖެހޭނީ،" ޝަރީފު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މޯލް ޝިޕުން އެމްއެންއެސްއެލްގެ ފަރާތުން ހޯދަން ދައުވާކުރާ 900،000 ޑޮލަރު ]ރަސްމީ ރޭޓުން 13.87ރ. މިލިއަން ރުފިޔާ [ގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް، ކޯޓުން ބޭރުގައި އެ މައްސަލަ ނުނިމިއްޖެނަމަ "އެ ފައިސާއަކީ ދޭން ޖެހޭނެ އެއްޗެއްތޯ ނޫންތޯ ކަނޑައަޅާނީ ކޯޓުން" ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އާ މެނޭޖްމަންޓުން އެމްއެންއެސްއެލް ހިންގުމާ ހަވާލިވިއިރު މޯލް ޝިޕް ކުންފުންޏަށް ދަރަނީގެ ގޮތުގައި 835،000 ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެ އެކުންފުނިން ލިޔެކިޔުމުން ހުށަހެޅި ކަމަށާއި އެ ދަރަނި އަދާކުރުމަށް މިހާތަނަށް އެކުންފުންޏަށް 300،000 ޑޮލަރު ދައްކައިފައިވާ ކަމަށެވެ. އަދި ބަކީ ނުދައްކާވާ ހަތަރު ލައްކައެއްހާ ޑޮލަރު މިއަހަރު ނިމެންވާއިރަށް ދައްކާ ހަލާސްކުރާނެ ކަމަށް ބުނެފައިވަނިކޮށް، އެކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅާ އެމްއެންއެސްއެލްގެ ބޯޓު ބަނދަރުގައި ހައްޔަރުކުރީ އެއްވެސް ނޯޓިސްއެއް ވެސް ނުދީ ކަމަށް އެމްއެންއެސްއެލްގެ ޗެއާމަން ވިދާޅުވި އެވެ.

އަދި މިހާރު މޯލް ޝިޕުން ހޯދަން ދައުވާކުރާ 900،000 ޑޮލަރު ތެރޭގައި ހިމެނޭ 600،000 ޑޮލަރަކީ އިންޓްރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދެއް ކަމަށް ވެސް އެކުންފުނިން ބުނާ ކަމުގައި ޝަރީފް ވިދާޅުވި އެވެ. ނަމަވެސް، އެއްވެސް އިންޓްރެސްޓެއް ދެއްކުމަށް މޯލްޝިޕާއެކު އެއްބަސްވެފައި ނޯންނާނެ ކަމަށާއި "ކޯޓަށް ގޮސް އެ އިންޓްރެސްޓަކީ ދައްކަން ނުޖެހޭ" އެއްޗެއްކަން ސާބިތުކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފާއިތުވި 50 އަހަރު ދުވަހު ރާއްޖޭގެ އޭޖެންޓްކަން ކުރަމުން އަންނަ މޯލް ޝިޕުން އެމްއެންއެސްއެލް އަށް ދައްކަން ޖެހޭ 200،000 ޑޮލަރު ނުދައްކާ އެބަ އޮތް ކަމަށް ހިސާބުތަކުން ދައްކާ ކަމަށާއި ފާއިތުވި އަހަރު ތެރޭ އެކުންފުނިން ދައްކަންޖެހޭ 9000 ޑޮލަރުގެ ދަރަންޏެއް ވެސް އެބައޮތް ކަމުގައި އޭނާ ވިދާޅުވި އެވެ. "އެހެންވީމަ، އަސްލު މޯލް ޝިޕުން އަޅުގަނޑުމެންނަށް ދަރައިފައި އެ އޮތީ."

އަށްހާސް ޓަނުގެ މޯލްޑިވްސް ސްޓާއަކީ މިހާރު އެމްއެންއެސްއެލްގައި އޮތް ހަމައެކަނި ބޯޓެވެ. ކުރިން އެކުންފުނިން އޮޕަރޭޓްކުރި ދެ ބޯޓު، "މޯލްޑިވް އެންޓަޕްރައިސަސް" އާއި "މޯލްޑިވްސް ކެރިއާ" މިހާރު ވަނީ ވިއްކާލައިފަ އެވެ.