ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިއްޖެ ނަމަ މި ސަރަހައްދުގެ ފާހަގަކޮށްލެވޭ އިސްލާމީ ޔުނިވާސިޓީއަކަށް އައިޔޫއެމް ވެގެންދާނެ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެގޮތަށް ވިދާޅުވީ، އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިވެގެން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ރާއްޖޭގައި ބާއްވާ ދިރާސާ ކުރުމާ ގުޅޭ މަހާސިންތާ ރަސްމީކޮށް ފެށުމުގެ ގޮތުން ބަޑޮސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން މަސައްކަތްކުރަނީ އިސްލާމީ އަގީދާ އާއި އިސްލާމީ ފިކުރު ދިރުވައި ތަރައްގީ ކުރުވަން ކަމަށާއި އެ ޔުނިވާސިޓި ކުރިއަށްދާނީ އިސްލާމީ ރިވެތި އަހުލާގުގެ ތެރެއިން ކަމަށެވެ.

އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިވެގެން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ރާއްޖޭގައި ބާއްވާ ދިރާސާ ކުރުމާ ގުޅޭ މަހާސިންތާ ރަސްމީކޮށް ފެށުމުގެ ގޮތުން ބަޑޮސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، ކުރިއަށް އޮތް ފަސް އަހަރަށް އިސްލާމީ ޔުނިވާސިޓީން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭން ގައި ވާގޮތުގެ މަތީން ކުރިއަށްދެވިއްޖެނަމަ ދެކުނު އޭޝިއާގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީއަކަށް އައިޔޫއެމް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް ވިހިވަނަ އަހަރާ ހަމަޔަށް އައިޔޫއެމް އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތަފްސީލްތަކާ އެކު ތައްޔާރުކުރި ސްޓްރެޓެޖިކް ޕްލޭން އިފްތިތާހް ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އެ ޕްލޭންގެ ތެރޭގައި ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމުގެ ތެރޭގައި، 40 އެއްހާ ލެކްޗަރާއިންނާއެކު މިހާރު ކިޔަވައިދެމުންދާ އެ ޔުނިވަސިޓީގެ ލެކްޗަރާއިންގެ އަދަދު 90 އަށް އިތުރުކޮށް، އެ އަދަދުގެ 75 ޕަސެންޓް ލެކްޗަރާއިންނަކީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ލެކްޗަރާއިންނަށް ހެދުން ހިމެނެއެވެ.

އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިވެގެން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ރާއްޖޭގައި ބާއްވާ ދިރާސާ ކުރުމާ ގުޅޭ މަހާސިންތާ ރަސްމީކޮށް ފެށުމުގެ ގޮތުން ބަޑޮސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދަރިވަރުންގެ އަދަދު 5000 އަށް އިތުރުކޮށް، ޔުނިވަސިޓީއިން މާސްޓާސް، އަދި ޕީއެޗްޑީ އަށް ކިޔަވައިދޭން ފެށުން ހިމެނެއެވެ. އައިޔޫއެމްގައި މިހާރު 3،000 އެއްހާ ކުދިން ތައުލީމު ހާސިލްކުރަމުންދެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީގެ އަމާޒަކީ ޒަމާނީ އުސޫލްތަކުގެ ތެރެއިން ތަރައްގީ ވެފައިވާ ދުނިޔެއަށް ލޯ ހުޅުވިފައިވާ ދަރިވަރުންތަކެއް ތައުލީމު ހާސިލްކުރާ މަރުކަޒަކަށް އެ ޔުނިވާސިޓީ ހެދުން ކަމަށެވެ.

ޔުނިވާސިޓީއެއް ކުރިއަރައި ދާނީ ހަމައެކަނި ކިޔަވައިދީގެންނެއް ނޫންކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ނަމަވެސް ޔުނިވާސިޓީއެއް ކުރިއަރައި ދިއުމަށްޓަކައި ދިރާސާކުރުމާއި އިލްމީ ހޯދުންތަކަށް މަސައްކަތްކުރުމާއި ފިކުރު ކުރުންފަދަ އެތައް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިވެގެން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ރާއްޖޭގައި ބާއްވާ ދިރާސާ ކުރުމާ ގުޅޭ މަހާސިންތާ ރަސްމީކޮށް ފެށުމުގެ ގޮތުން ބަޑޮސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓާ އައިޔޫއެމް އާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ "ރިސާޗް ސިމްޕޯސިއަމް އޮން ތޯޓް އެންޑް އެޕިސްޓިމޮލޮޖީ" ގެ ނަމުގައި ކުރިއަށްދާ އެ މަހާސިންތާގައި އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު 50 ޕްރޮފެސަރުން ބައިވެރިވެއެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓާ އަކީ ދުނިޔޭގެ އެކި އިސްލާމީ ޔުނިވާސިޓީތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެވެ. އެގޮތުން، އެ ޖަމިއްޔާއިން ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ ތަރައްގީ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.