އިނގިރޭސި ޕްރިމިއާ ލީގުގައި ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ކާމިޔާބުކުރި ދެ ލަނޑުން ސައުތުހެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސައުތުހެމްޓަން އަތުން ޔުނައިޓެޑް މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ. އެ މެޗުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑާ ގުޅުނު ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ފެނިގެންދިޔަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް އިބްރަހިމޮވިޗް ކާމިޔާބުކޮށްދީފައި ވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 36 ވަނަ މިނެޓުގައި އިބްރަހިމޮވިޗް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ ދިން ބޯޅައަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސައުތުހެމްޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލޫކް ޝޯ އަށް ޖޯޑީ ކްލޭސީ ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޭއެފްސީ ބޯންމައުތު އަތުން މޮޅުވެފައި ވަނީ 3-1 ލަނޑުންނެވެ.