20 Aug 2016, 01:05
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ފަހައްގެ ފައިނަލުގައި ފޯ ސީޒަންސް ލަނޑާ ގިރާވަރު ބަލިކޮށް، އަނަންތާރާ ކިހިވަށް ވިލާސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުނު ޒޯން ފަހެއްގެ ފައިނަލުގައި އަނަންތާރާ ވަނީ ފަސޭހަކަމާއެކު ލަނޑާ ގިރާވަރުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ޒޯން ފަހެއްގެ ފައިނަލުގައި ލަނޑާ ގިރާވަރު އަތުން އަނަންތާރާ މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އަނަންތާރާ އިން ގެންގޮސްފައިވަނީ 25-8، 25-17 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އަނަންތާރާގެ ބިދޭސީ ކުޅުންތެރިޔާ ދުމުންތޫ އުޕަސަންތަ އެވެ.
ޒޯން ފަހެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ މަގާމަށް ހޮވުނީ އަނަންތާރާގެ ދުމުންތޫ އުޕަސަންތަ އާއި، އެ ޓީމުގެ އަހްމަދު ހުސައިން އާއި، އެ ޓީމުގެ ޖަވާމް އަލީ އާއި، ސޮނޭވާގެ އަލީ ވިޝާނާއި، ލަނޑާ ގިރާވަރުގެ ޝައްދާދު ޒަކީ އަދި އެ ޓީމުގެ އަކްރަމް އަބްދުﷲ އެވެ.
އެ މުބާރާތުގެ ޒޯން އެކެއްގެ ތިން ވަނަ ހޮވުމަށް ކުޅުނު މެޗު ވެސް މިއަދު ކުރިއަށްދިޔަ އެވެ. އެ މެޗުގައި ކުރުނބާ އަތުން 3-1 ސެޓުން މޮޅުވެ، ތިން ވަނަ ހޯދާފައިވަނީ ޝެރެޓަން މޯލްޑިވްސް އެވެ. އެ މެޗުގެ ސެޓުތައް ޝެރެޓަން އިން ގެންދިޔައީ 25-15، 24-26، 25-21 އަދި 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޝެރެޓަންގެ މުހައްމަދު ޒިޔާނެވެ.