އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރާ ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭންގެ ކަންކަން ހިންގަމުން އައި ކެމްޕޭން މެނޭޖަރު، ޕޯލް މެނަފޯޓް އެމަގާމުން އިސްތިއުފާ ދީފިއެވެ.

ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން މެނޭޖަރުކަމަށް މެނަފޯޓް އައްޔަނު ކުރީ މީގެ ދެ މަސް ކުރީންނެވެ. އެއީ އޭނާގެ ކުރީގެ ކެމްޕޭން މެނޭޖަރު މަގާމުން ވަކި ކުރުމުންނެވެ.

މެނަފޯޓްއާ ޔޫކްރެއިންގެ ކުރީގެ ރައީސް ވިކްޓަރ ޔަނުކޮވިޗާއި ރަޝިއާގެ ބައެއް ފަރާތްތަކާ ގުޅުން އޮންނަކަމުގެ މައުލޫމާތު ދާދި ފަހުން ފެތުރިފައިވާ އިރު، ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑު ކިޔަން ފަށައިފައެވެ.

ނަމަވެސް މެނަފޯޓް މަގާމުން އިސްތިއުފާ ދިނީ ކީއްވެގެން ކަމެއް ކަނޑައެޅިގެން ނޭނގެއެވެ.

ޓްރަމްޕްގެ ޕަބްލިކް އިމޭޖު ރަނގަޅު ކުރުމަށް މެނަފޯޓު މަސައްކަތް ކުރި ނަމަވެސް، ޓްރަމްޕުގެ އަހްލާގު ރަނގަޅުވާ މަންޒަރެއް ނުފެނެ އެވެ. އޭނާ ދައްކާ ވާހަކަތަކުން މީހުން "ރުޅި ގަދަކޮށްލާ މިންވަރު" ދަނީ އިތުރުވަމުންނެވެ.

މެނަފޯޓް ޓްރަމްޕުގެ ކެމްޕޭން މެނޭޖަރުގެ މަގާމުން ވަކިވިކަން ހާމަކުރީ މިއަދު ޑޮނަލްޑް ޓްރަމްޕް ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ޓްރަމްޕް ވަނީ ޕޯލް މެނަފޯޓް އޭނާއަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.