ރާއްޖޭގެ ގައުމީ ކެރަމް ޓީމާ ދެކޮޅަށް ޓެސްޓް ސީރީސް މެޗުތަކެއް ކުޅުމަށް އިންޑިއާގެ ގައުމީ ކެރަމް ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ހެނދުނު ރާއްޖެ އައިސްފައިވާ އިންޑިއާގެ ކެރަމް ޓީމުގައި ޖުމްލަ 15 ކުޅުންތެރިން ހިމެނެ އެވެ. އެއީ ސީނިއާ އަށް ކުޅުންތެރިންނާއި ޖޫނިއާ ހަތް ކުޅުންތެރިންނެވެ.

ރާއްޖެއާ ދެކޮޅަށް ޓެސްޓް ސީރީސް މެޗުތައް ކުޅުމަށް އައިސްފައިވާ އިންޑިއާގެ ޓީމުގައި މޮޅެތި ކުޅުންތެރިންތަކެއް އެކުލެވެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އައިސީއެފް ކަޕްގެ ޗެމްޕިއަން ރިޔާދު އަކްބަރު އަލީ އަދި ކާޖޮލް ކުމާރީ ވެސް އެ ޓީމުގައި ހިމެނެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުޅޭ ޓެސްޓް ސީރީސް މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. އެ މެޗުތައް މާދަމާ އިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

ޓެސްޓް ސީރީސްގައި ޖުމްލަ ފަސް މެޗު ކުޅޭ އިރު، އޭގެ ތެރެއިން ތިން މެޗު ގެންދާ ޓީމެއް މޮޅުވާނެ އެވެ. މި އަހަރު ރާއްޖޭގައި ޓެސްޓް ސީރީސް ކުޅުމަށް ހަމަޖެހިފައިވާ އިރު، އިންޑިއާގެ ބޮމްބޭގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ޓެސްޓް ސީރީސް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ބުނީ، ޓެސްޓް ސީރީސްގެ މަގްސަދަކީ މި އަހަރު އިނގިރޭސިވިލާތުގައި ބާއްވާ ހަތް ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުކުރުން ކަމަށެވެ.

ރާއްޖޭގެ ކެރަމް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ބޭއްވި އައިސީއެފް ކަޕުގެ ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ވަނީ ލޯ މެޑެއްޔެއް ހޯދައިފަ އެވެ.