މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ހަތަރު ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފެށިގެން ކުރިއަށް އެބަދެ އެވެ.

އިއްޔެ އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހަށް އެމްޕީބީއޭ ކުލަބް ހައުސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މެބާރާތުގައި ޖުމްލަ 15 އޮފީސް ބައިވެރިވަފެއިވާއިރު ރޭ ކުރިއަށް ގެންގޮސްފައިވަނީ ސިންގަލްސް އިވެންޓްގެ މެޗުތަކެވެ. ޓީމް އިވެންޓްގެ ކުޅުން ފަށާނީ މިމަހު 24 ވަނަ ދުވަހު އެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިންގަލްސް އިވެންޓްގައި ރޭ ކަސްޓަމްސް އާއި އެމްޕީއެލް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކުރިއިރު ޓީއެމްއޭ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ރައީސް އޮފީހާއި މޯލްޑިވިއަން އާއި އިސްލާމިކް ބޭންކް އަދި ވިލާ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާއިރު ޕީއެސްއެމް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފަ އެވެ.

ހަތަރު ގުރޫޕަކަށް ބަހާލާފައިވާ ޓީމް އިވެންޓްގެ 'ގްރޫޕް އޭ'ގައި ހިމެނުނީ އެމްޑަބްލިޔުއެސްސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ރައީސް އޮފީހެވެ. 'ގްރޫޕް ބީ'ގައި ސިފައިންނާއި ފުލުހުންގެ އިތުރުން ދެން ހިމެނުނީ ސްޓެލްކޯ، އިމިގްރޭޝަން އެންޑް އެމިގްރޭޝަނެވެ.

'ގްރޫޕް ސީ'ގައި ހިމެނެނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، ދިރާގު، ޓްރާންސް މޯލްޑިވްސް އެއާވޭސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. 'ގްރޫޕް ޑީ'ގައި ހިމެނެނީ ޕަބްލިކް ސާވިސް މީޑިއާ، މޯލްޑިވިއަން، އަދި ޓީމް ވިލާ އެވެ.